އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޗެލްސީ ވާދަކުރި ލަންޑަން ޑާބީ، 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުން އެއްވަރުވުމާއެކު އާސެނަލުން މި ސީޒަނުގެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ ވަނީ ދެމިގެން ގޮސްފައެވެ. ރޭގެ ނަތީޖާއާއެކު އާސެނަލުން އިނގިރޭސި ލީގު ތާވަލުގެ ދެވަނައަށް ޖެހިލީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވެސް ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ.
ޗެލްސީން ދަށްކޮށް މި ސީޒަން ފަށާފައިވާ އިރު، އަދިވެސް ރަނގަޅު ފޯމަކަށް ނޭޅި، މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ ނުވަ މެޗުން 12 ޕޮއިންޓާއެކުގައެވެ. ޗެލްސީން ރޭގެ މެޗުގެ ފަހުކޮޅާ ޖެހެންދެން ރަނގަޅަށް ކުޅެ، ދެ ގޯލުގެ ލީޑެއް ދަމަހައްޓަމުން ދިޔަ ނަމަވެސް، އާސެނަލުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ޗެލްސީން ރަނގަޅަށް މެޗު ކޮންޓްރޯލްކޮށް ހަމަލާތައް އުފެއްދިއެވެ. ކުރީކޮޅުގައި ކޯލް ޕާމާއަށް ލިބުނު ފުރުސަތު ބޭކާރުވެގެން ދިޔަ އިރު، 15 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މީހައިލޯ މުޑްރިކް ބޮލުން ޖެހި ބޯޅައެއް އާސެނަލްގެ ވިލިއަމް ސަލީބާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ގޯލަށް ވައްދާލީ ޕާމާއެވެ.
ޗެލްސީން ލީޑު ނަގައި، ރަނގަޅު ކުޅުމަކާއެކު ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ލީޑު ފުޅާކުރިއެވެ. އަރިމަތިން މުޑްރިކް ހުރަހަކަށް ނެގި ބޯޅައެއް، އާސެނަލްގެ ގޯލް ބަލަހައްޓަމުންދިޔަ ޑާވިޑް ރާޔާ އަތް މަތިން ގޯލު ތެރެއަށް ވަނީ އޮއްސިގެން ގޮހެވެ.
އެ ގޯލާއެކު ޗެލްސީން މޮޅަކާ ދިމާލަށް މިސްރާބު ހިފާފައި ހުރި ނަމަވެސް، މެޗު ނިމެން 13 މިނެޓް ހުއްޓައި، އާސެނަލުން ގޯލު ޖެހިއެވެ. އާސެނަލުން ގޯލު ޖެހީ ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ދިން ޕާހެއް ގޯސްވެގެން، އޭގެ ފައިދާ ނަގައިގެންނެވެ. ސަންޗޭޒްގެ ޕާސް ފަޔަށް ލިބުމާއެކު ޑެކްލަން ރައިސް ވަނީ އެއްފަހަރާ ބޯޅަ ގޯލަށް ވައްދާލައި އާސެނަލަށް އުންމީދެއް ހޯދައިދީފައެވެ.
ރައިސްގެ އެ ގޯލާއެކު އާސެނަލުން ކުޅުން ރަނގަޅުކޮށް، 84 ވަނަ މިނެޓުގައި އެއްވަރުކުރިއެވެ. އެ ގޯލަކީ އަރިމަތިން ބުކަޔޯ ސަކާ ނެގި ބޯޅައެއްގައި، ލިއާންޑްރޯ ޓްރޮސާޑް އޭރިއާ ތެރެއަށް ކުރިއަށް ޖެހި، ހަނި ގޮތަކަށް ބޯޅައިގައި ފައި ޖައްސާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު