ކުރިއާ އަދި އެއާ ކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އަށް ކިލޯގެ މަސްތުވާތަކެތީގެ ތިން ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުރަތަމަ ޝިޕްމެންޓް އަތުލައިގަތީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ޖަރުމަން ވިލާތުން ރާއްޖެ ގެނައި ޕެކޭޖެއް ބަލައިފާސްކުރަމުން ދަނިކޮށް ކަމަށެވެ. އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމުލަ 2.25 ކިލޯ ހުރި ކަމަށް ބުންޏެވެ.

ދެވަނަ ޝިޕްމަންޓް އަތުލައިގަތީ ކަސްޓަމްސް އިން ބުނި ގޮތުގައި، މި މަހުގެ ފަސް ވަނަ ދުވަހު އިންޑިއާއިން ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓެއްގައި ހުރި އިލެކްޓްރޯނިކް އާލާތްތަކެއްގެ ތެރޭގައި ފޮރުވައިގެންނެވެ. އެ ޝިޕްމަންޓުން 3.4 ކިލޯގެ ހެރޮއިން ފެނުނު ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމެންޓް އަތުލައިގަތީ މި މަހުގެ ހަތްވަނަ ދުވަހު ތައިލެންޑުން ރާއްޖެ ގެނައި ކާގޯ ޝިޕްމަންޓެއްގެ ތެރެއިންނެވެ. އެ ޝިޕްމަންޓް ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން 3.5 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުންޏެވެ.

ކަސްޓަމްސްއިން އަތުލައިގަތް މި މަސްތުވާތަކެތި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.