ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާއަށް ހެދުނު ގޯސްތައް ރަނގަޅުކޮށް، މެންޗެސްޓާ ޔުނައިޓެޑްގެ ކެރިއަރު ރަނގަޅު ކުރެވޭނެ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

އޮނާނާ މިދިޔަ ޖުލައި މަހުގައި ޔުނައިޓެޑާ ގުޅުނީ އިންޓަ މިލާނުންނެވެ. އެއީ 47.2 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޮނާނާ ޔުނައިޓެޑަށް ބަދަލުވިފަހުން މިހާތަނަށް ކުޅުނު މެޗުތަކުގައި ބޮޑެތި ގޯސްތަކެއް އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. ޔުނައިޓެޑް ޖާޒީގައި މިހާތަނަށް އޮނާނާ ކުޅުނު 11 މެޗުގައި އޭނާއަށް ދެމެހެއްޓުނީ އެންމެ ތިން ކްލީންޝީޓެވެ.

"ޔުނައިޓެޑްގެ ލެޖެންޑަރީ ގޯލްކީޕަރުންގެ ކެރިއަރަށް ވިސްނާލަން އޮނާނާއަށް މުހިއްމު. އެގޮތުން ޝޫމައިކަލްއާއި ޑެ ހެއާވެސް ފެށީ އެންމެ ރަނގަޅު ފެށުމަކުން ނޫން. އެ ދެކީޕަރުންނަށްވެސް ފުރަތަމަ އުނދަގޫތަކާ ދިމާވި. އަހަންނަށްވެސް އެނގޭ، އޮނާނާއަށްވެސް އެނގޭ މިހާރު އެ ފެންނަނީ އޭނާގެ އަސްލު ފެންވަރު ނޫންކަން،" ޓެން ހާގު ބުންޏެވެ.

ޓެން ހާގު އިތުރަށް ބުނީ އޮނާނާގެ ފޯމް ރަނގަޅު ނޫން ކަމަށް ގަބޫލުކުރާ ކަމަށާއި، އެއީ ޕްރިމިއާ ލީގަށް އަލަށް އަންނަ ކުޅުންތެރިންނަށް ދިމާވެދާނެ ފަދަ ޕްރެޝަރެއް ކަމަށެވެ. އަދި ޔަގީނުންވެސް އޮނާނާގެ އަސްލު ފެންވަރު ފެނިގެންދާނެ ކަމަށް ޓެން ހާގު ބުންޏެވެ.