ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑަށް ބެލޮންޑިއޯ ހައްގު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ހާލަންޑް، މިދިޔަ ސީޒަނުގައި ކުޅުނު 53 މެޗުން 52 ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ސިޓީއާއެކު ޓްރެބަލް ކާމިޔާބު ކޮށްފައެވެ. ސިޓީން އެ ތާރީހީ ކާމިޔާބީ ހޯދީ ޗެމްޕިއަންސް ލީގާއި، ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ ސީޒަނަކީ މިހާތަނަށް ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ސީޒަނެވެ.

ދުނިޔޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ބެލޮންޑިއޯ ލިސްޓްގެ ގަދަ 30 ދާދިފަހުން އިއުލާނުކޮށްފައިވާ އިރު، ހާލަންޑަކީވެސް މިފަހަރު އެވޯޑަށް ވާދަކުރާ ކުޅުންތެރިއެކެވެ. އޮކްޓޯބަރު 30 ވަނަ ދުވަހު ބެލޮންޑިއޯ ހަފުލާ އޮންނަ އިރު، ސިޓީ ކޯޗު ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ހާލަންޑަށް ބެލޮންޑިއޯ ހައްގެވެ.

"ހާލަންޑަށް ބެލޮންޑިއޯ ހައްގު. އޭނާ ސިޓީއާއެކު ތިން ތަށި ހޯދި. އަދި 50 މިލިއަން ގޯލު ޖެހި. ހެހެހެ. އެހެންވީމަ ހާލަންޑަށް ބެލޮންޑިއޯ ހައްގު،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ހާލަންޑާ އެންމެ ގާތުން ވާދަކުރާނީ މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާއާއެކު ކާމިޔާބުކުރި މެސީއަކީ ބެލޮންޑިއޯ ލިބޭނެ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ހާއްސަކޮށް އިތުބާރުހުރި ނޫސްތަކުން އެކަން ވަނީ ޔަގީންވެސް ކޮށްދީފައެވެ.

ކުރިން ބާސާގައި މެސީއަށް ކޯޗުކަން ކޮށްދިން ގާޑިއޯލާ ބުނީ "މެސީގެ އެންމެ ދަށް ސީޒަނުގައި ވޯލްޑް ކަޕް ހޯދި،" ކަމަށާއި، އެއީ އެހެން ކުޅުންތެރިންގެ އެންމެ ކާމިޔާބު ސީޒަންތަކުގައިވެސް ނުވާ ކަންކަން ކަމަށެވެ. އޭނާ އިތުރަށް ބުނީ ބެލޮންޑިއޯގައި މެސީއަށް ހާއްސަ ކެޓަގަރީއެއް ހަދައިގެން ނޫނީ އޭނާއަށް ބެލޮންޑިއޯ ހައްގު ނޫނޭ ބުނަން ނުކުރޭނެ ކަމަށެވެ.