ގާޒާގައި ހާލުގައި ޖެހިފައިވާ މައުސޫމު އެތައް ބަޔަކު އިންސާނީ ހައްގުތައް މަހުރޫމުވެފައިވާ ކަމަށާއި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ގޮވާލައިފިއެވެ.
އިސްރާއީލްގެ އަނިޔާވެރި ޔަހޫދީން ފަލަސްތީނުގެ ގާޒާގެ ނިކަމެތި އެތައް ރައްޔިތުންތަކެއް، ކުޑަކުދިންނާއެކު ޝަހީދުކުރަމުންދާ އިރު، ދާދިފަހުންވެސް ހޮސްޕިޓަލަކަށް ހަމަލާދީ 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ގާޒާ ހުރިހާ ގޮތަކުން ބައްދާލައި، ފެނާއި ކަރަންޓް އަދި މުއާސަލާތީ ހިދުމަތްތައްވެސް ކަނޑާލާފައިވާ އިރު، އިސްރާއީލުން ދަނީ އިންސާނީ އެހީތެރިކަމަށްވެސް ހުރަސް އަޅަމުންނެވެ.
އުމުރުން 31 އަހަރުގެ ސަލާހް ބުނީ ގާޒާއަށް އަމާޒުކޮށް ދިން ހަމަލާތައް ހައްދުފަހަނައަޅައި ހިނގައްޖެ ކަމަށާއި ހިތުގައި ޖެހި ހިތްފަޅައިގެންދާވަރު ވެއްޖެ ކަމަށެވެ. ހާއްސަކޮށް ހޮސްޕިޓަލަށް ދިން ހަމަލާއަކީ ހިތްދަތި ބިރުވެރި ހަމަލާއެއް ކަމަށް ސަލާހް ބުންޏެވެ.
"ގާޒާގެ ރައްޔިތުންނަށް ފެނާއި ކާނާ އަދި ސިއްހީ އެކިއެކި ވަސީލަތްތައްވެސް ބޭނުންވޭ. ކޮންމެ ފުރާނައަކީވެސް އަގުހުރި ފުރާނައެއް. ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށް އެކަން ކުރުމަށް، އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ފުރުސަތު ދޭންޖެހޭ. އަހަރެން ދުނިޔޭގެ ލީޑަރުންނަށް މި ގޮވާލަނީ ކުށެއް ނެތް ބަޔަކު މެރުން ހުއްޓުވުމަށް. އިންސާނިއްޔަތުކަން އިސްކުރަންޖެހޭ،" ސަލާހް ބުންޏެވެ.
ފަލަސްތީނުގެ ހާލަތު ގޯސްވެ، ކުޅިވަރަށްވެސް އަސަރުކޮށްފައިވެއެވެ. އެގޮތުން ގައުމީ ޓީމުގެ މެޗުތަކަށްވެސް ހުރަސްތަކެއް އެޅިފައިވާ އިރު، އަލްޖީރިއާ އިން ވަނީ ފަލަސްތީނުގެ ހޯމް މެޗުތައް، ހަރަދުގައި ހިފާ އަލްޖީރިއާގައި ހޯސްޓް ކޮށްދޭނެ ކަމަށް ބުނެފައެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު