އަމާޒަކީ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމާލުން ކަމަށް، އިންގާލީ މި މަރުހަލާގެ އިސްވެރިޔާ، ޑިރެކްޓަރު އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަނީ 15 ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމިޓީތަކުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ވަނީ ފަށައިފައެވެ.

ސަންގު ޓީވީގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ ބައެއް އޮފީސްތަކާއި އިދާރާތަކުން އިންތިގާލީ ކޮމިޓީތަކަށް ފުރިހަމައަށް އެއްބާރުލުން ދިން ނަމަވެސް ބައެއް އިދާރާތަކުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ އަމާޒު ހިފީ މިދިޔަ އާދިއްތަ ދުވަހު ކޮމިޓީގެ މަސައްކަތްތައް ނިންމާލުމަށް ކަމަށް ވިދާޅުވިއެވެ.

"މިހާރު އަމާޒުހިފައިގެން މިއުޅެނީ 20 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭތޯ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ދެ ދުވަހެއްގެ ތެރޭގައި ކޮމިޓީތަކުގެ ރިޕޯޓްތައް އެކުލަވާލަން ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ރިޕޯޓްތައް ހާމަކުރައްވާނެ ކަމަށެވެ.