ޖިނާއީ ބޮޑެތި ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ވަކީލުކަމުގެ ހުއްދަ ދާއިމީކޮށް ބާތިލު ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމިޓީން އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހުސައިން، ހުށަހެޅުއްވި މި ބިލުގައިވަނީ އެ ގާނޫނުގެ 35 ވަަނަ މާއްދާގެ (ށ)ގެ އިސްލާހުކޮށް އެ މާއްދާގެ ފަހަތަށް ފަސް އަކުރު އިތުރުކުރުމަށެވެ.

މިބިލު ކޮމިޓީން މަޖިލިސް ތަޅުމަށް ގެނައިގޮތަށް ފާސްކުފަން ވޯޓަށް އެއްސެވުމަށް، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަަމށް 34 މެންބަރުން ވޯޓު ދެއްވިއެވެ.

ދެން ވޯޓަށް އެއްސެވީ ބިލު އިތުރަށް ދިރާސާކުރުމަށް އަލުން ކޮމިޓީއަށް ފޮނުވުމަށެވެ. އެވަގުތު ޖަލްސާގައި ތިއްނެވި 46 ތެރެއިން 35 ވޯޓު ދެއްވީ ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށެވެ. އެހެންކަމުން އެ ބިލު ޖުޑީޝަރީ ކޮމިޓީއަށް ފިނުވިކަން ރިޔާސަތުން އިއުލާން ކުރެއްވިއެވެެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އެ ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ފަނޑިޔާރެއްގެ މަގާމަށް އައްޔަންކޮށްފި ނަމަ އެ ހިނދުން ފެށިގެން އެއީ ނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ގާނޫނީ ވަކީލެއް ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ދެމިހުރިހާ ދުވަހަކު އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނާނީ ހިފެހެއްޓިފައި ކަމަށާއި ގާނޫނީ ވަކީލުންނަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި އިމްތިޔާޒުތައްވެސް ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާގެ (ށ)ގައި މިހާރު އޮންނަނީ އެގޮތަށް ތިއްބަވާ ފަނޑިޔާރުން މަގާމުން ވަކިވެއްޖެ ނަމަ، އެ މީހަކު ފަނޑިޔާރުކަމާ ހަވާލުވުމުގެ ކުރިން އެ މީހަކަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުގެ ތަކުގެ ތެރެއިން، އެގޮތް ބަދަލުކޮށް، އެގޮތަށް ފަނޑިޔާރަކު މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓަށް އެއްވެސް މައްސަަލައެއްގައި ވަކީލެއްގެ ގޮތުގައި ނުދެވޭނެ ކަމަށް ބިލުގައވަނީ ހިމަނއިފއެވެ.

އެ އަކުރުުގެ ފަހަތަށް ކޮމިޓީން އިތުރުކޮށްފައިވާ ބައިގައި ބުނެފައިވަނީ، އެ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމުން ވަގުތީ ގޮތުން ހިފެހެއްޓިފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ގާނޫނީ ވަކީލަކު އެކަން ބާ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ ކައުންސިލަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެގޮތަށް ހުށަހެޅުމުން އެ ހުއްދަ ހިފަހައްޓާފައި އޮތް އޮތުން ގާނޫނުގައިވާ ގޮތުގެމަތިން ބާ ކައުންސިލުން ނިމުމަކަށް ގެންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެެ.

ނަމަވެސް އެގޮތަށް ވަގުތީ ގޮތުން ހިފެހެއްޓިފައި އޮތް ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައިވާ ތަފުސީލުތަކަށް ރިއާޔަތްކޮށް އެ ގާނޫނީ ވަކީލަކު ގާނޫނީ ވަކީލެއްގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކޮށްފައިވާ ކަމަށް ބާ ކައުންސިލަށް ސާބިތުވާ ނަމަ، އެ ގާނޫނުގައިވާ ގޮތުގެ މަތިން ބާ ކައުންސިލަށް އެ ގާނޫނީ ވަކީލަކާމެދު ފިޔަވަޅު އެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުުރުން ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައިވާ ތަފުސީލުތަކަށް ރިއާޔަތްކުރާއިރ،ު އެ ވަކީލަކާ މެދު މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނުވަތަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވިފައިވާ ނަމަ، އެ ވަކީލެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމާމެދު ގޮތެއް ނިންމުމުގައި ބާ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި ބިލުގައި ބުނެފައިވަނީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކުރުމާއި ވައްކަން ނުވަތަ ޓެކުން ނުވަތަ މަކަރާއި ހީލަތް ނުވަތަ ހިޔާނާތް ނުވަތަ އޮޅުވާލުމުގެ ކުށެއް ޝަރީއަތުން ސާބިތުވެފައިވާ މީހެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދާއިމީކޮށް ބާތިލު ކުރެވޭނެ ކަމަށެވެ.