ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި އިއްޔެ ރާއްޖެ ކައިރިން ހޯދުނު މޮޅަކީ މިދިޔަ ދެތިން އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ރާއްޖެ ބަލިކުރެވުމުން ކަންތައްތަކެއް ސާބިތުކޮށްދެވިއްޖެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވިއާ ކަބްރޭރާ ބުނެފިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވީ ބަންގްލަދޭޝް އިން ފަހު މިނެޓުގައި ގޯލު ޖަހައިގެންނެވެ. އެއީ ބަންގްލަދޭޝް އިން ރާއްޖޭގައި އެއްވަރުވި ފުރަތަމަ ފަހަރެވެ. ދެވަނަ ލެގުގައި މިއަދު ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ބަޝުންދަރާ އެރީނާގައި ވާދަކޮށް، އެ މެޗު 2-1 އިން ކާމިޔާބުކުރުމާއެކު، އެޓީމުން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖަށް ކޮލިފައިވީ އެގްރިގޭޓް 3-2 ގެ ނަތީޖާއަކުންނެވެ.
ބަންގްލަދޭޝްއިން ކޮލިފިކޭޝަން ގްރޫޕްގައި އޮސްޓްރޭލިޔާ އާއި ލުބުނާން އަދި ފަލަސްތީނާ އެއް ގްރޫޕެއްގައި ހިމެނިފައިވާ އިރު، ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރު މާޗު މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށްދާނެއެވެ. އެ ގްރޫޕްގައި ހަ މެޗު ކުޅެލަން ލިބުމަކީ ބަންގްލަދޭޝްއަށް ބޮޑު ފުރުސަތެކެވެ.
މިއީ މި ފަހަކަށް އައިސް ރާއްޖެއަށް ބަންގްލަދޭޝް ކައިރިން ސަލާމަތްނުވެވި ދިޔަ ތިންވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭގެ ކުރިން ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައިވެސް ރާއްޖެ ބަންގްލަދޭޝް ކައިރިން ބަލިވެފައިވާ އިރު، މިހާރު މި ސަރަހައްދުގެ އެތުރުމަށްބަލާއިރު، ގިނަބަޔަކު ގަބޫލުކުރަނީ ރާއްޖެއަށްވުރެ މައްޗަށް ބަންގްލަދޭޝް ޖެހިލާފައިވާ ކަމަށެވެ.
"އަހަރެމެން މިދިޔަ ދެ އަހަރު ކުރި މަސައްކަތުން މި ސާބިތުކޮށްދެވުނީ ކަންތައްތަކެއް. ހާއްސަކޮށް މިދިޔަ ހަ އަހަރު ދުވަހުގެ މަސައްކަތް މި ފެނުނީ. ހަގީގަތުގައި ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރުސަތު ގެއްލުނުނަމަ، ފުޓުބޯޅަ ސިސްޓަމް އަނެއްކާވެސް ހަލާކުވީސް. އެއީ ބޮޑު ވެއްޓުމަކަށްވީސް،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ އިއްޔެގެ ނަތީޖާއާއެކު ބަންގްލަދޭޝްއަށް އުފާވެރިކަން އައިސްފައިވާ ކަމަށާއި، އުފާފާޅުކުރުންތައް ދެމިގެންދާނެ ކަމަށެވެ. ހާއްސަކޮށް އެ އުފާވެރިކަން އަވަހަށް ނިމިގެން ނުދާނެ ކަމަށްވެސް ކަބްރޭރާ ބުންޏެވެ.
"އިއްޔެގެ މެޗުން ފެނުނީ ސީދާ ބަންގްލަދޭޝްގެ ހިތްވަރު. ހަގީގީ ބަންގްލަދޭޝް. ބަންގްލަދޭޝްގެ ހަގީގީ ގުރުބާނީ ފެނިގެންދިޔައީ. އެންމެން އެއްކޮށް ކުރި މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ،" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް