ދުނިޔޭގެ ގައުމުތައް އަދި ރާއްޖޭގައި ވެސް އިސްލާމްދީނާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް އިލްމުވެރިން މަސައްކަތް ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީރުމާ ހޮޓެލުގައި މިއަދު އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ދިވެހިންގެ އަމިއްލަ ވަންތައްކަން ގެއްލެމުންދާ ކަމަށެވެ. ދިވެހިންގެ އަމިއްލަ ވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީ ވަންތަކަމާއި ދިވެހި ބަސް ކަމަށެވެ. އެ ދެ ކަންތައްތަކާ ދެކޮޅަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިކަން އަނބުރާލެވެނީ މި މެހެފިލްގައި ތިއްބެވި ބޭފުޅުންނަށް. އަދި މުޅި ގައުމުގައި ތިއްބެވި މި ކަންކަމާމެދުގައި ވިސްނަވާ ބޭފުޅުން އެކައްޗެއް ކިޔުއްވައިގެން. މާތްވެގެންވާ އިސްލާމްދީން އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު ބަހާ،" މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަށް ދީނީ އިލްމު ފޯރުކޮށްދޭނެ ގޮތްތަކެއް ވިސްނުންތެރިކަމާއެކު ބައްޓަން ކުރަން ޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގޮންޖެހުންތައް ދިމާވެފައިވަނީ ހަމައެކަނި އިސްލާމް ދީނަށް ނޫން ކަމަށާއި އެކިއެކި ދީންތަކާ ދެކޮޅަށް ބޮޑު އޮއިވަރެއް ގައުމުތަކުގެ މައިނޯރިޓީގެ ފަރާތުން ކުރިމަތިވަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ އޮއިވަރުގެ ތެރެއިން އިސްލާމްދީން ސަލާމަތް ކުރުމަށް ސާމަލުކަން ދޭން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ އިލްމުވެރިންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ނިކަމެތިކަން ކުރިމަތިވާނެ. ވަރަށް ނުރައްކާތެރި ހިސާބަކަށް އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމައު އަމުދުން ދާނީ. އެހެންވީމާ އަޅުގަނޑުމެންގެ އައިޑެންޓިޓީ، އަމިއްލަވަންތައްކަން، އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަނބުރާ އިއާދަކުރާއިރު މި ދެންނެވި ވިސްނުމުން އަޅުގަނޑުމެންގެ ކިޔަވައިދޭ ބޭފުޅުން، ޔުނިވާސިޓީތަކުން، ކޮލެޖުތަކުން އަދި އެކިއެކި ސްކޫލްތަކުގަ މުޅި ތައުލީމީ ނިޒާމުގަ މަސައްކަތް ކުރައްވާ ބޭފުޅުންގެ ވިސްނުން ބައްޓަން ކުރަން ޖެހޭ އެބަ" މުއިއްޒު ވިދާޅުވިއެވެ.

އެގޮތަށް އެކަން ނުކޮށްފިނަމަ ޅަދަރިން އިސްލާމްދީނާ ދުރަށް ގޮސްދާނެ ކަމަށެވެ. އެހެންވެއްޖެނަމަ ދެން ރާއްޖޭގައި އިސްލާމްދީން ކުރިއަރުވަން މާބޮޑު މަސައްކަތެއް ކުރެވެން ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ބޭނުން ދީނުގެ ކަންކަމުގައި ހިފަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވެރިކަން ކުރައްވާނީ އިލްމުވެރިން ބަސް ހޯދޭނެ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.