އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން، ހައިކޯޓަށް ހުށަހަޅާ އިންތިހާބީ މައްސަލަތަކުގައި އެ ކޯޓުން ކުރާ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ގޮތަށް އިންތިހާބު ތަކާބެހޭ އާންމު ގާނޫނު ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި އިންތިހާބު ތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކޮށްފައިވާއިރު، އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރުކޮށްފައެވެ.
އިންތިހާބު ތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ވަނީ، އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައި ވަނިކޮށ،ް މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހަޅާ މައްސަލައެއްގައި އެ މާއްދާގައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިހާބުގެ ނަތީޖާއަށް އެކަށީގެން ނުވާ އަސަރެއް ފޯރާފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެ އަދި އެކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ޝަރީއަތުން ކަނޑައަޅައިފިނަމަ އެ ސަރަހައްދެއްގެ އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބާއްވަންވާނެ ކަމަށެވެ.
- އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން
- އިންތިހާބީ ހައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން
- މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އަމަލުކުރުން
އެ މާއްދާގެ (ށ)ގައި ބުނަނީ މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.
މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނަނީ މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، ނުވަތަ އިންތިހާބާ ގުޅިގެން މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ނުވަތަ އިންތިހާބުގެ ނަތީޖާ އާމެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ އަކާމެދު ގޮތެއް ނިންމައި ދިނުމަށް އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
އަދި ސަބަބާއި ތަފުސީލާއި ހެތްކާއެކު އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ހައިކޯޓަށް އެ މައްސަލައެއް ހުށަހަޅާންވާނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލުގައި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ނ)ގެ ގޮތުގައި އެ މާއްދާގެ (ށ)ގެ ފަހަތަށް އިތުރުކުރަން ހިމަނާފައިވާ އަކުރުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައިކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދޭ ނަމަ، އެ މައްސަލައެއް ހައިކޯޓުން ނިންމާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު