ސޯޝަލް މީޑިއާގައި އިއްޔެ ދައުރުކުރި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންގެ މީހުންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެ ވީޑިއޯއިން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލޯންޗުތައް ކައިރި ކުރާ ބަނދަރު ސަހަރައްދުގައި، އަސްކަރީ ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ބޭރުގެ ސިފައިންނެވެ. އެއީ ރާއްޖެ އައި ޗައިނާގެ ސިފައިންގެ ބައެއް ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ ވީޑިއޯގައި ފެންނަ ސިފައިނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕަނީސް ސެލްފް ޑިފެންސް ފޯސްގެ ބައެއް ކަމަށެވެ. އެ މީހުން ރާއްޖޭގައި މަޑުކުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވެސް ވިދާޅުވިއެވެ.