މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މިފަހަރު މުބާރާތް ކުރީ އަހަރުތަކަށް ވުރެވެސް ފުރިހަމައަށް އިންތިޒާމް ކުރުމަށް މިހާރުވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށްވެސް އާންމުކޮށް މިއަދު ހުޅުވާލީ ކުރިން އަހަރު މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެނޭޖުމަންޓަށް ހާއްސަ ފުރުސަތެއް ދިނުމަށްފަހުއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅައިގެން ފޯމް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައިވެސް ކޮންމެ ރަށަކުން ވާދަކުރާނީ އެއް ޓީމެވެ.

މީގެ ކުރިން ހަތް ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން، އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާއެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރި އާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވެއެވެ. އެ ފޯރި އިތުރަށް ގަދަކުރުމަށް މިފަހަރުގެ މުބާރާތުގައި ކަނޑައަޅާފައިވާ އުސޫލަކީ މިދިޔަ މުބާރާތުގައި ކުޅުންތެރިޔަކު ކުޅުނު ރަށަށް ކުރިއަށް އޮތް އަހަރުގެ މުބާރާތުގައި ކުޅެންވެސް މަޖުބޫރު ކަމެއް އޮތުމެވެ. އޭގެ އިތުރުން ޒޯންތަކަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

  • ޒޯން 1: ހއ އަތޮޅު، ހދ އަތޮޅު
  • ޒޯން 2: ށ އަތޮޅު، ނ އަތޮޅު، ރ އަތޮޅު
  • ޒޯން 3: ބ އަތޮޅު، ޅ އަތޮޅު، ކ އަތޮޅު
  • ޒޯން 4: އއ އަތޮޅު، އދ އަތޮޅު، ވ އަތޮޅު
  • ޒޯން 5: މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • ޒޯން 6: ތ އަތޮޅު، ލ އަތޮޅު
  • ޒޯން 7: ގދ އަތޮޅު، ގއ އަތޮޅު ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ
  • ޒޯން 8: މާލެ

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯންތަކަށް ގެނައި ބަދަލާއެކު މުބާރާތް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމަށް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ (ރިލޭ) "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ. ރިލޭ ވިދާޅުވީ އަބަދުވެސް ވިސްނަނީ މުބާރާތް އެންމެ ފޯރިގަދަކޮށް، އިންސާފުވެރިކޮށް ކުރިއަށް ގެންދަން ކަމަށާއި ރާއްޖޭގެ ޗެމްޕިއަން ކަނޑައަޅަން އެންމެ ރަނގަޅު އުސޫލެއް ބަލައި ޒޯންތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޒޯންތައް ބަދަލު ކުރުމުގައި އަތޮޅުތަކުން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން އޮންނަ ފޯރިއަށްވެސް ބަލާފައިވާ ކަމަށް ރިލޭ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ ކުޅެފައިވާ އިރު، 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދިޔައެވެ. އެ ހުރިހާ މެޗެއްގެވެސް އިންތިޒާމް ފުރިހަމައަށް ގޯލްޑަން އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ އިރު، ރިލޭގެ އުންމީދަކީ މިފަހަރު މުބާރާތް އެއަށް ވުރެވެސް ފުރިހަމަ ކުރުމެވެ. މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ ލ. ގަމުންނެވެ. ފައިނަލުގައި ވާދަކުރީ ގދ. ވާދޫއާ ދެކޮޅަށެވެ.

ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައި އޮތް އިރު، އަންނަ އަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅިގެން ސްޕޮންސާޝިޕްގެ ކަންކަން ކުރިއަށް ގެންދަން ރިލޭ އެދިލައްވައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.