ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްފަހު ދައުލަތުގެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ އެ މަޝްރޫއުތަކުގެ އަގު ނުލިބުމުގެ ސަބަބުން ސަރުކާރު ބައެއް ކުންފުނި (އެސްއޯއީ) ތަކުގެ ކޭޝްފްލޯއަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެ، ކުރިއަށް އޮތް ދެމަސް ދުވަހު ކުންފުނި ހިންގުމަށް ބޮޑެތި ދަތިކެއް ކުރިމަތިވެފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ އިންތިހާލީ މި މަރުހަލާގައި ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވުމަށް، މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ދެރަކޮށްކަން ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ފާހަގަ ކޮށްފައިވާނެ ކަމަށެވެ. އެއިރު އެވާހަކަތައް ދައްކަމުން ދިޔައީ، އޭރު އާންމުކޮށް ލިބެން ހުރި ބައެއް ކަހަލަ އަދަދުތަކާއި ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އިންތިގާލީ ރައީސްގެ އޮފީހުން ދައުލަތުގެ އެކި މުއައްސަސާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމަށް ހިމާތަނަށް ކުރި މަސައްކަތްތަކުގައި، އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ، އެސްއޯއީތަކަށް ދިމާވެފައިވާ މައްސަލަ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"ފާހަގަވާ ކަމަކީ މިހެން ހުރި ވަރަށްގިނަ އެސްއޯއީތައް، ހާއްސަކޮށް ސަރުކާރުގެ ވައުދުތައް ފުއްދުމުގަ، ނުވަތަ މަޝްރޫއުތައް ހިންގުމުގައި އެންމެ ބޮޑަށް ޝާމިލުވާ ވަރަށް ގިނަ އެސްއޯއީތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްފަހު ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ އެ މަޝްރޫއުތަކުގެ އަގު ނުލިބި ވަރަށް ބޮޑު އަދަދުތަކެއް ހުރުމުން އެ ކުންފުނިތަކުގެ ކޭޝްފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން،"

އެކަމުގެ ސަބަބުން އެ ކުންފުނިތަކުގެ މިކޭޝްފްލޯއަށް ދަތިވެ، މިއަހަރު ނިންމާލާއިރު، ކުރިއަށް އޮތް ދެމަހުގެ އޮޕްރޭޝަންތައް ހިންގުމަށް ވަރަށް ބޮޑެތި ފައިސާގެ އަދަދުތަކަކުން އެތަންތަނަށް ކޭޝްފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފިރުޒުލް ވިދާޅުވީ، އެގޮތަށް ހުރި ކުންފުނިތަކުގެ މުސްތަގުބަލަށް ހުރަސް އެޅިދާނެތީ އެއީ ކޮން ކުންފުނިތަކެއްކަން ހާމަ ކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.