ޅ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނައިފަރާއި އޮޅުވެލިފުށީގައި ކަމަށެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސޯސަންވިލާ / ޅ. ނައިފަރު، ހަސަން ހުޝާމް (35އ) އާއި އެ ރަށު ކަދުވަލުގެ / އާދަމް ނަސީރު (32އ) އެވެ.

އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެކެވެ. އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި، ޝެހެނާޒްގެ / ޅ. އޮޅުވެލިފުށި، މުހައްމަދު އަފްރާހް (28އ) އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން ހުޝާމު އަދި އާދަމް ނަސީރު ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، މުހައްމަދު އަފްރާހް އަށް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.