މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ގިނަ ކަމަށް ވިދާޅުވެ، އެ މައްސަލަތައް ބަލާނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އަލްޖަޒީރާ ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރާ ގުޅޭ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އެބަހުރި ކަމަށާއި ކޮވިޑުގެ ތެރޭގައި އެކަނިވެސް އެތައް ބިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލިފައިވާ ކަމަށެވެ.
"މި ސަރުކާރުގައި އެފަދަ މާ ގިނަ [ހިޔާނާތުގެ] މައްސަލަ އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންވެސް އެބަ ވިދާޅުވޭ މީގެ ކުރިން ސަރުކާރުތަކުން ހިޔާނާތްތެރިނުވާ ވަރަށް މި ސަރުކާރުން ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ސަރުކާރު ވެގެން ދާނީ، ވައްކަމުން އެއްކިބާވެފައިވާ ސާފު ސަރުކާރަކަށް ކަމަށާއި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.
އިންތިހާބީ ރައީސް ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ތެދުވެރި ނިޔަތެއްގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.
ފަނޑިޔާރުގެ މިނިވަންކަމަށް ގަބޫލުކުރައްވާތޯ ކުރެއްވި ސުވާލަށް އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ފަނޑިޔާރުގެ މިނިވަން ނުވާ ކަމަށާއި ޖޭއެސްސީން ސިޔާސީ މީހުން ދުރުކޮށް ގާނޫނުތަކަށް ބަދަލު ގެނެސްގެން ފަނޑިޔާރުގެ މިނިވަންކުރައްވާނެ ކަމަށެވެ.
އިންތިހާބީ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރާ ހުރިހާ ގައުމަކާވެސް ގުޅިގެން އެކުވެރިކަމާއެކު ގައުމު ކުރިއެރުވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު