ހއ. ދިއްދޫ ލޯންޗެއް ރޭ ނެރު މައްޗަށް އުރިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ރޭ 7:30 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ލޯޗުގައި ތިބި 10 މީހަކަށް އަނިޔާވެފައިވާ ކަމަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަން" އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވެފައި ވެއެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލު މެންބަރު އަބްދުﷲ ވަހީދު، "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި 2 މީހުން ފިޔަވައި އެހެން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މިހާރު ފަރުވާ ދެމުން އަންނަ ދެ މީހުންނަކީ ދުވަސްވީ ދެމީހުން ކަމަށާއި އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެންގޮސްފައި ވާއިރު، އަނެކަކަށް ފަރުވާ ދެނީ ލޮނު ބޮވިގެން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދެމީހުންނަށް އިތުރު އަނިޔާއެއް ލިބިފައި ހުރި ކަމަކަށް އެކްސްރޭ ތަކުން ނުދައްކާ ކަމަށެވެ.

އެ ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރޭ މައުލޫމާތު ދިން ނަމަވެސް، އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެވަގުތު އޭނާގެ ހާލު ސީރިއަސް ކަމަށް ލަފާ ކުރެވުނީ ހާލަތު ހުރި ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.