އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިގެން ޕީޕީއެމް/ޕީއެންސީން، ވާދަކުރުމާ ގުޅޭގޮތުން ކުރި ސުވާލަށް އިންތިގާލީ ކޮމެޓީގައި އިސްކޮށް ހުންނަވާ ޑިރެކްޓާ ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ޖަވާބެއް ނުދެއްވިއެވެ.

އެމްއެންޕީން ބުދަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވަނީ ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކަމަށެވެ. އަދި ނާޒިމް ވިދާޅުވެފައިވަނީ އެމްއެންޕީން، ޕީޕީއެމް/ޕީއެންސީއާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގައި ތިން ޕާޓީން އެކުގައި އިންތިހާބުތަކުގައި ވާދަކުރުމާ ބެހޭ ގޮތުން މާއްދާއެއް ހިމަނާފައިވާނެ ކަމަށެވެ.

ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކަށް ތިން ޕާޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާނިޝިނަލް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޕީއެންސީގެ ޗެއާޕާސަން އަދުރޭ ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ވަޑައިގަތީ ޓްރާންސިޝަން ކޮމިޓީގެ ވެރިޔާގެ ހައިސިއްޔަތުން ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތަކުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޕީއާއެކު އެއްބަސްވުމެއް ހަދައިފައިވާ ކަމަށާއި އެ ޕާޓީއާއެކު ކުރިއަށްދާނެ ކަމަށެވެ.

"އެމްއެންޕީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ އެ ބޭފުޅުންނާ އެއްބަސްވި ރޭ ވެސް އެ ބޭފުޅުން ވިދާޅުވި ތިމަންނަމެން މިއައީ އެއްވެސް ޝަރުތެއް ނެތިއޭ. އެއްވެސް ޝަރުތެއް ނެތޭ، އެއްވެސް އެއްޗެއް ބޭނުންވެގެން ނޫނޭ މިއައީ. ދެން އަޅުގަނޑުމެން ތެރޭގައި އޮތް އަންޑަސްޓޭޑިންއެއް އޮތިއްޔާ އޮތީ. ޕްރައިމަރީއެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާނީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ ހެދި އެއްބަސްވުމުގެ ކަންކަން ހުންނާނީ އެ ޕާޓީއާއެކު ކުރިއަށް ދެވޭ ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރުން ހިންގަން ފަސޭހާވާނެ އަދަދަކަށް ގޮޑިތައް ނެގުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.