ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިހުމާލު ވެފައިވާ ކަމަށާއި ކޮރަޕްޝަން ހިންގައި، ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދިން ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކަމުންދާ ކަމަށްބުނެ އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި އެ ފަރާތުން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނާއި ފުޓްބޯޅަ ހިންގުންތެރިންނާއި ސަރުކާރުން ކުރި ބުރަ މަސައްކަތުން ރާއްޖޭގެ ފުޓުބޯޅައިގެ އަޑު، އޭޝިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވާސިލްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ފުޓުބޯޅައިން ރާއްޖެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން ރީތިނަންތަކެއް ރާއްޖެން ފުޓުބޯޅައިގައި ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ފަހަކާ ޖެހެންދެން ފުޓުބޯޅައިގެ ހަރަކާތް އޮތީ ގައުމުގެ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ކަމަށާއި އެ ހަރަކާތުގެ ތެރެއިން ގައުމުގެ އިޖުތިމާއީ ގިނަ މައްސަލަތަކެއް ހައްލު ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޖަމްއިއްޔާ އިން ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ހިންގައި ފުޓުބޯޅައަށް ގިނަ މައްސަލަަތަކެއް އުފަން ކުރުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި އެ ޖަމްއިއްޔާގެ އިންތިހާބު ކަށަވަރު ނުވުމާއި ފުޓުބޯޅަ މުބާރާތްތައް އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ހިލާފަށް ރާވައި ހިންގުމާއި އަހަރީ ބައްދަލުވުންތައް ނުބޭއްވުމާއި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޫކޮށްފައިވާ ބިންތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން ގައުމީ ފުޓުބޯޅަ ޖަމްއިއްޔާ ބަނގުރޫޓުވެ، ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަރަނިވެރިވެ، ކޯޓުން މައްސަލަތައް ބަލާހިސާބަށް ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ފީފާ އާއި އޭއެފްސީ ފަދަ ޖަމްއިއްޔާތަކުގެ އެހީގައި ހިންގަން ފަށާފައިވާ ޕްރޮޖެކްޓްތައް ނުނިމި، މަސައްކަތްތަކުގެ އަގަށް ދައްކާނެ ފައިސާ ނެތްކަމަށް ބުނެ ފުޓުބޯޅަ ތަރައްގީކުރުމަށް ސަރުކާރުން އެފްއޭއެމާ ހަވާލު ކުރި ސަރުކާރުގެ ހަރުމުދާ ކަމަށްވާ ބިންތައް ވިއްކަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން ދިވެހި ފުޓުބޯޅައިގެ ފެންވަރު ދަށްވެ އޭޝިޔާގެ އެންމެ ދަށް ފަންތީގެ ޓީމުތަކާވެސް ވާދަ ނުރެވޭހާ ދަށު ދަރަޖައަކަށް ވެއްޓި، ރާއްޖޭގައި ކުޅޭ މެޗުތަކުގެ ދަނޑުފޯރި ގެއްލި މެޗުގެ ބޯޅަ ހޮވާ ކުދިންގެ އަދަދަށްވެސް ދަނޑަށް މީހުން ނުވަންނަ ހާލަތަށް ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ގައުމުގެ ކުރިމަގުގެ ސިޔާސަތާ އެއްގޮތަށް، ލާމަރުކަޒީ އުސޫލުން ކުޅިވަރުގެ ކަންތައް ދަނީ ރަނގަޅަށްތޯ އާއި ކުޅިވަރު ޖަމްއިއްޔާތައް ހިންގަމުން ދަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމަށް ގާނޫނުން އެމަސައްކަތް މަތިކޮށްފައިވާ ސްޕޯޓްސް މިނިސްޓަރީން އެކަން ބަލަމުން ނުދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ދިވެހިން ބޭނުންވާ ގޮތަށް، ގާނޫނަތަކާއި ހަމަތަކާއި ބައިނަލް އަގުވާމީ ގާނޫންތަކާ އެއްގޮތަށް ހިންގުމުގެ މަގަށް ދިވެހި ފުޓުބޯޅަ ގެނައުމަށްޓަކައި އިސްލާހު ކުރަންޖެހޭ އަސާސީ ގަވާއިދުތައް އިސްލާހުކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ މަގު ފަހިކޮށްދިނުމަށް އެ ސިޓީގައި އެފަރާތުން ވަނީ އެދިފައެވެ.

އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި ސިޓީ ހުށަހެޅުމުން، ފުޓުބޯޅައާ ބެހޭގޮތުން އެފްއޭއެމުން ކުރިއަށްދާ ކަންތައްތަކާއި އެ ފަރާތުން ބަަލައިދިނުމަށް ސިޓީގައި އެދިފައިވާ ކަންތައްތަކާބެހޭ މައުލޫމާތު އެފްއޭއެމުން އޮޅުން ފިލުވުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ. އެ މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާނީ އެ މައުލޫމާތުތައް އޮޅުން ފިލުވުމަށްފަހުގައި ކަމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.