އިންތިގާލީ މަރުހަލާގައި ދައުލަތް ހުއްޓުމަކަށް ގެނެސް ނުބޭއްވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަތްކަމެއް ނުކުރުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ވަނީ އަންގަވައިފައެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި ދެ ގައުމަކަށް ސަފީރަކު ކަނޑައެޅުމަށްޓަކައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް އިއްޔެ ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ

އޭގެ އިތުރުން ރައީސް ސޯލިހް ވަނީ ޕާކިސްތާނު ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލިހާށް އިއްޔެ ފޮނުއްވައިފައެވެ. އެހެންވެ، އެކަމުގެ އިންތިހާބީ ރައީސްގެ ފަރާތުންނާއި ޕީޕީއެމް/ޕީއެންސީ އަދި ޑެމޮކްރެޓްސްގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިއުވާން "ވަން" އަށް މިއަދު ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. މިއުވާން ވިދާޅުވީ ސަރުކާރުން ކަންކަން ކުރާނީ ޓްރާންސިޝަން ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"ޓްރާންސިޝަން ޕީރިއަޑުގައި ދައުލަތް ހުއްޓުމަކަށް ގެނެސް ނުބޭއްވޭނެ. ޓްރާންސިޝަންއަށް ސަރުކާރުން ފުރިހަމަޔަށް އެއްބާރުލުން ދޭނެ،" މިއުވާން ވިދާޅުވިއެވެ.

މި މައްސަލައިގައި ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ސަފީރުން އައްޔަންކުރުމާ ގުޅޭ މަސައްކަތްތަކަކީ ރާއްޖެއިން އެކަން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އެ އައްޔަންކުރެވޭ ގައުމެއްގެ ފަރާތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރު ބަދަލުވާން މަދު ދުވަސްކޮޅަށް ވެފައި ވަނިކޮށް އެފަދަ ކަމެއް ސަރުކާރުން ކުރުމުން، އާ ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.