ނޯވޭ ފޯވަޑް އާލިން ބްރައުޓް ހާލަންޑް މިވަގުތުވެސް ހުރީ ކުރިން ހުރި ވަރުގަދަ ފޯމުގައި ކަމަށާއި ފެންވަރު ދަށް ނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ސީޒަނަށް ސިޓީއާ ގުޅުނު ފޯވަޑް ހާލަންޑް، ފުރަތަމަ ސީޒަނުގައިވެސް ވަނީ އާދަޔާހިލާފު ތަފާތު ކުޅުމެއް ދައްކައިފައެވެ. އޭނާ މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 35 މެޗުން 36 ގޯލު ޖަހާފައިވާ އިރު، ސީޒަނުގައި ޖުމުލަ އެކު 50 އަށްވުރެ ގިނަ ގޯލު ހާލަންޑް ކާމިޔާބު ކޮށްފައިވެއެވެ.

އެ އާދަޔާހިލާފު ފޯމާއެކު ހާލަންޑަށް އުންމީދުތައް މަތިކޮށް ހުރި އިރު، ހާލަންޑްގެ މި ސީޒަން އެންމެ ރަނގަޅު ނޫން ކަމަށް ނޫސްތަކުން ވަނީ ސިފަކޮށްފައެވެ. ފަސޭހަ ބައެއް ފުރުސަތުތައް ހާލަންޑް އަތުން ގެއްލިގެންދާ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، އޭނާގެ ސްޓެޓްސް އަދިވެސް މުޅިން ގޯހެއް ނޫނެވެ. އޭނާ އެންމެފަހުން ކުޅުނު ހަތް މެޗުން އަށް ގޯލު ޖަހާފައިވާ އިރު، ހާލަންޑަށް ކޮންމެވެސް ވަރަކަށް ނުރުހުން އަމާޒުވީ އާސެނަލް މެޗުގައި މާ ބޮޑު ނުރައްކަލެއް ނުކުރެވުމުންނެވެ.

"ހާލަންޑަށް ފުރުސަތުތައް ލިބޭ. ހާލަންޑަށް ގޯލު ނުޖެހެނީ އޭނާ ދަށްވެގެން ނޫން. އޭރިއާ ތެރޭގައި ހަ ޑިފެންޑަރުން ތިބޭ އިރު ކޮންމެ ފޯވަޑަކަށްވެސް ގޯލު ޖަހަން އުނދަގޫވާނެ. ހާލަންޑްވީމަ ގިނަ ފަހަރަށް އޭނާ ގޯލު ޖަހަނީ އުނދަގޫ ހާލަތްތަކުން. ހާލަންޑް މި ސީޒަނުގައި ޖެހި ގޯލުތަކަށް ބަލައިލީމަވެސް އެނގޭނެ ފެންވަރު ދަށް ނުވާކަން. ހަމަ ކުރިންވެސް ގޯލު ޖަހަމުން ދިޔަ ލެވެލްގައި ގޯލު ޖަހައި، ތަފާތު ދައްކާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ސިޓީގައި ހޭދަކުރި މުއްދަތުގައި އެންމެ ކާމިޔާބުކޮށް ދިޔަ ސީޒަނަކީ މިދިޔަ ސީޒަނެވެ. މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ހޯދާފައިވާ އިރު، އެ ތާރީހީ ކާމިޔާބީގައި ހާލަންޑްގެ ހިއްސާ ބޮޑެވެ.