ކުރިން ޗެލްސީއަށް ކުޅުނު ބެލްޖިއަމް ތަރި އެޑެން ހަޒާޑް ޕްރޮފެޝަނަލް ފުޓުބޯޅަ ހުއްޓާލައި، ރިޓަޔާމަންޓް އިއުލާނު ކޮށްފިއެވެ.
އުމުރުން 32 އަހަރު ފޯވަޑް ހަޒާޑް ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކުރީ މިއަދުއެވެ. ހަޒާޑް މިދިޔަ ސީޒަނަށްފަހު ރެއާލް ދޫކޮށްލާފައިވާ އިރު، އޭނާ ހުރީ ކްލަބެއްގެ އެއްބަސްވުމެއްގައެއް ނޫނެވެ. ހަޒާޑް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި ވަނީ އަނިޔާގައި މިދިޔަ ދެތިން ސީޒަނެއް ހޭދަކުރުމަށްފަހުއެވެ. ހަޒާޑްގެ ފިޔަޖަހަމުން އައި ކެރިއަރުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީވެސް އަނިޔާގެ މައްސަލަތެކެވެ.
ޒުވާން އުމުރުގައި ފްރާންސް ލީގުގެ ލިލްއިން ވިދާލި ހަޒާޑް، 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނީ ގިނަ ކްލަބުތަކަކުން އޭނާ ހޯދަން މަސައްކަތް ކުރަމުންދަނިކޮށެވެ. ހަޒާޑް ޗެލްސީއާ ގުޅި ޔޫރަޕް ފުޓުބޯޅައަށް ހޭނި، ގިނަ ބައެއްގެ ތައުރީފް ހޯދިއެވެ. ހާއްސަކޮށް އޭރު އޭނާއަކީ ބެލޮންޑިއޯ ލިބޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ކުޅުންތެރިއެކެވެ.
ޗެލްސީގައި 2019 ވަނަ އަހަރާ ހަމައަށް ހަޒާޑް މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނަ ވަނީ 352 މެޗުން 110 ގޯލު ޖަހައި އެ ކްލަބުގެ ލެޖެންޑެއްގެ ޝަރަފު ހޯދައިފައެވެ. އެ މުއްދަތުގެ ތެރޭގައި ހަޒާޑް ވަނީ ޗެލްސީއާއެކު ދެ ފަހަރަށް އިނގިރޭސި ޗެމްޕިއަންކަން ހޯދައިފައެވެ.
އޭގެ ފަހުން ރެއާލްއަށް ބަދަލުވި ހަޒާޑާ މެދު ގިނަ ބަޔަކު އުންމީދުތައް މަތިކޮށް ދެކުނު ނަމަވެސް، އެ ކްލަބުގައި އަނިޔާގެ ބޮޑެތި މައްސަލަތަކާ ކުރިމަތިވިއެވެ. އެ ކްލަބުގައި މިދިޔަ ސީޒަނަށް ހަމައަށް ހަޒާޑް ހޭދަކުރި މުއްދަތުގައި ކުޅެފައި ވަނީ އެންމެ 54 މެޗެވެ. ކްލަބުން ޗެމްޕިއަންސް ލީގު ހޯދި ޓީމުގައި ހަޒާޑު ހިމެނުނު ނަމަވެސް، މާ ބޮޑަތަކަށް ތަފާތު ދެއްކިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި އެ ކްލަބަށް އޭނާ ކުޅުނީ އެންމެ ހަ މެޗެކެވެ.
ހަޒާޑަކީ ބެލްޖިއަމް ގައުމީ ޓީމަށްވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، މިދިޔަ އަހަރު ޑިސެންބަރު މަހު އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު