ރޭ ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުގައި ބާސެލޯނާއިން ފަހަތުން އަރައި ގްރަނާޑާއާ އެއްވަރު ކުރި އިރު، ލަމީން ޔަމާލް ރެކޯޑު ހަދައިފިއެވެ.

ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ގްރަނާޑާއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ގްރަނާޑާއިން ފުރަތަމަ ދެ ގޯލު ޖެހި ނަމަވެސް ބާސާއިން ފަހަތުން އަރައި އެއްވަރުކުރީ ޔަމާލާއި ސާޖިއޯ ރޮބާޓޯގެ ގޯލުތަކުންނެވެ. ޔަމާލް ރޭގެ މެޗުގައި ގޯލު ޖެހުމާއެކު އޭނާ ވެފައި ވަނީ ލަލީގާގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ޔަމާލްގެ އުމުރުން 16 އަހަރާއި 87 ދުވަހުގެ ތެރޭގައި އޭނާ ރޭ ގޯލު ޖަހާފައިވާ އިރު، މިއަހަރަކީ އޭނާއަށް ހާއްސަ އަހަރެކެވެ. އުމުރުން 15 އަހަރާއި 290 ވަނަ ދުވަހު ބާސާ ޖާޒީގައި މެޗަކަށް ނުކުމެ، އެ ކްލަބުގެ ރެކޯޑު މުގުރާލި އިރު، މިއަހަރު ސްޕެއިން ގައުމީ ޓީމަށް ކުޅެ، ގައުމީ ޓީމަށް ކުޅުނު އެންމެ އުމުރުން ޒުވާން ކުޅުންތެރިޔާއަށްވެސް އޭނާ ވަނީ ވެފައެވެ. އަދި ސްޕެއިނުން ޔޫރޯ ކޮލިފިކޭޝަންގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައި، ޔަމާލް ވެފައި ވަނީ ގައުމީ ޓީމަށް ގޯލު ޖަހައިދިންވެސް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގެ 17 ވަނަ ސިކުންތުގައި ގްރަނާޑާގެ ބްރައިން ޒަރަގޯޒާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުންވެސް އޭނާގެ އިތުރު ގޯލަކާއެކު ފުރަތަމަ ހާފުގައި ގްރަނާޑާއިން ދެ ގޯލުގެ ލީޑެއް ނެގި އިރު، ހާފު ނިމެން ދަނިކޮށް ޔަމާލް ވަނީ ގޯލު ޖަހައި ބާސާއަށް އުންމީދެއް ހޯދައިދީފައެވެ.

ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރުމަށް ބާސާއަށް ކާމިޔާބުވީ، ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ރޮބާޓޯ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެލެހާންޑްރޯ ބާލްޑޭއެވެ.