ފިހާރައެއްގެ ތެރޭގައި ސޭޓަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފޯނު ވިއްކާ ފިހާރައެއްގެ ތެރޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ އާންމުވިއެވެ. އެ ވީޑިއޯގައި ފެންނަނީ އެ އަންހެން މީހާ އެ ފިހާރައަށް ވަދެ އެ ފިހާރައިގެ މުވައްޒަފަކާ ވާހަކަ ދައްކަން ހުންނަ މަންޒަަރެވެ. އަދި އިރުކޮޅެއް ފަހުން ފެންނަނީ އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައި އޮތް ވަޅިއެއް ނަގައި އެ މުވައްޒަފަށް ހަމަލާދޭ ތަނެވެ.

އެ މައްސަލައިގައި 29 އަހަރުގެ އަންހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ އިރު، "ވަން" އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ އެ އަންހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާއާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް ވިދާޅުވީ އެމީހާގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި އިއްޔެ އެމީހާ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.