މި ސީޒަނަށް ރެއާލް މެޑްރިޑަށް ސޮއިކުރި އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ރަނގަޅު ފޯމާއެކު ރެއާލް މެޑްރިޑުން ފަސޭހަކަމާއެކު އޮސަސޫނާ ބަލިކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލްއިން އޮސަސޫނާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރެއާލް މިވަގުތު އޮތީވެސް ލަލީގާ ތާވަލުގެ އެއްވަނައިގައެވެ. އެއީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޖިރޯނާއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ބާސެލޯނާ އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ނުވަވަނަ މިނެޓުގައި ބެލިންހަމް ވަނީ ރެއާލްއަށް ލީޑު ނަގައިދީފައެވެ. ޑެނީ ކަވަހާލް އާއި ލޫކާ މޮޑްރިޗް ބައިވެރިވެގެން އުފެއްދި ހަމަލާއެއްގައި ކުރިއަށްޖެހި ބެލިންހަމް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

ރެއާލްގެ ދެވަނަ ގޯލުވެސް 54 ވަނަ މިނެޓުގައި ބެލިންހަމް ޖެހި އިރު، މިހާތަނަށް ރެއާލް ޖާޒީގައި އޭނާ ކުޅުނު 10 މެޗުން 10 ގޯލު ޖަހައިފައިވެއެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ބެލިންހަމް ބަދަލުކުރި ވަގުތު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ، އޭނާއަށް ތައުރީފު ކޮށްފައެވެ.

ރެއާލްއަށް ރޭގެ މެޗުގައި އިތުރު ގޯލުތައް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާ އާއި ޖޮސެލޫއެވެ.