ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހައި ކޯޓަށް އިސް ފަނޑިޔާރަކު ހޯދާތީ، އިންތިހާބީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ނުރުހުން ފާޅުކުރައްވައިފިއެވެ.

މުހުތާޒް ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ނުވަތަ އިންތިގާލީ މަރުހަލާގެ މަސައްކަތް ފަށައިފައި ވަނިކޮށް ހައި ކޯޓަށް އިސް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއުލާން ކުރުމުން، އެކަމުގައި ފަހަތުގައި ޝައްކުތަކެއް އުފެދޭ ކަންތައްތަކެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިހާ އަވަސް އަރުވާލައިގެން، ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅެއް އޮއްވައި މިކަން ކުރަން މިހާރުގެ ޖޭއެސްސީން އުޅޭ އުޅުމުން ޝައްކު އުފެދޭނެ" މުހުތާޒް ވިދާޅުވިއެވެ.

ހައި ކޯޓަށް އިސް ފަނޑިޔާރަކު ހޯދުމުގެ ފުރުސަތު ދެން އޮންނާނީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށްފަހު އެކުލަވާލާ ޖޭއެސްސީއަށް ކަމަށް މުހުތާޒް ވިދާޅުވިއެވެ. އިންތިގާލީ މަރުހަލާގައި ފަނޑިޔާރަކު ހޯދަން އިއުލާންކުރުމަކީ ޖޭއެސްސީގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުރިހާ ދުވަސް ވަންދެން އިސް ފަނޑިޔާރެއް ހުންނެވީކީ ނޫން. މި ދަނޑިވަޅުގައި ތެޅިފޮޅިގެން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާ ސަރުކާރާ އެކު، ޖޭއެސްސީއަށް ވެސް އާ ބޭފުޅުން އައްޔަން ކުރުމުގެ ފުރުސަތު އޮންނާނެ. އާ ބަންޑާރަ ނައިބެއް އައްޔަން ކުރައްވާނެ. މިނިވަން ކޮމިޝަންތަކަށް ބަދަލު ގެންނަ ނަމަ ޖޭއެސްސީގެ ރައީސް ވެސް ބަދަލު ވެދާނެ،" މުހުތާޒް ވިދާޅުވިއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަވަހާރަވުމާ ގުޅިގެން ޖޭއެސްސީން ވަނީ އިސް ގާޒީ އަކާއި ގާޒީއަކު ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ. މުހުތާޒް ވިދާޅުވީ އެފަދަ ހާލަތެއްގައި ގާޒީއަކު ހޯދަން އިއުލާންކުރުމުން މަސައްކަތެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހޯދަން ޖޭއެސްސީން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ ކޯޓަށް އިސް ފަނޑިޔާރަކު ހޯދަނީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީން، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ހުސެއިން ޝާހިދާއެވެ.