ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އެ އަޑުއެހުން ހައިކޯޓުގައި ތާވަލް ކޮށްފައި އޮތީ މިއަދު 2:00 އަށެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން ހައިކޯޓުން ބުނީ، މިއަދު މެންދުރު ފަހު 2:00 އަށް ތާވަލުކޮށްފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. މިއަދުގެ އަޑު އެހުން ކެންސަލް ކުރީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމަށް ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ސެޕްޓެމްބަރު 26ގައެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށްދާ އިރު، އެ މަނިކުފާނު އެންޑޯޒް ކުރެއްވި ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުވެވަޑައިގަތުމާއެކު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން މިދިޔަ އާދިއްތަ ދުވަހު، ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކުރައްވައިފައެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ މި މަހުގެ 17ގެ ކުރިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު