ޕްރިމިއާ ލީގުގައި މިހާރު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އޮތް ހާލަތުން، އެ ޓެކްނޮލޮޖީގެ ބޭނުން ހުއްޓާލަން ޖެހޭ ކަމަށް ޓޮޓެންހަމްގެ ކޯޗު އޭންގޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.

ޕޮސްޓެކޮގްލޫ އެފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާ އިރު، ޓޮޓެންހަމްއިން އެންމެފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރްގެ ބޭނުންކޮށްގެންވެސް ރެފްރީ ބޮޑު ގޯހެއް ހެދިތަން ފެނިގެން ގޮސްފައިވެއެވެ. އެ މެޗުން ޓޮޓެންހަމް 2-1 އިން މޮޅުވެފައިވާ އިރު، ލިވަޕޫލާ ދެކޮޅަށް ރެފްރީ ވަނީ ގޯސް ނިންމުމެއް ނިންމައިފައެވެ.

އެ މެޗުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ދެއްކީ ގޯސްކޮށެވެ. ލައިސްމަން، ޑިއާޒް އޮފްސައިޑް ކަމަށް މެޗުގައި ނުބައިކޮށް ނިންމި ނަމަވެސް، ވީއޭއާރް ބަލަން ތިބި ޑެރެން އިންގްލެންޑާއި ޑޭން ކުކްވެސް އެ ނުބައި ރަނގަޅު ކޮށްދީފައެއް ނުވެއެވެ. ވީއޭއާރާއި މެޗު ރެފްރީއާ ދެމެދު ދެކެވުނު ވާހަކަތައްވެސް ލިވަޕޫލުން އެދިގެން ހާމަކޮށްފައިވާ އިރު، އެއީ ވާހަކަ ދެކެވުމުގައި ދިމާވި ބޮޑު އޮޅުމެއް ކަމަށްވެސް މިހާރު ވަނީ އެނގިފައެވެ.

ވީއޭއާރާ ދެކޮޅަށް ބައެއް ކޯޗުން ވާހަކަ ދައްކަމުންދާ އިރު، ޕޮސްޓެކޮގްލޫ ކައިރިން ވީއޭއާރް ޕްރިމިއާ ލީގުން ބޭރުކުރާނަންތޯ އެހުމުން އޭނާ ބުނީ "މިހާރު އޮތް ހާލަތުން ބޭރުކުރަން ބޭނުންވާ،" ކަމަށެވެ. އޭނާ ބުނީ ވީއޭއާރް ފަދަ ޓެކްނޮލޮޖީތައް ފުޓުބޯޅައަށް ފައްކާ ނުވާ ކަމަށާއި، ފުޓުބޯޅަވެސް އެ ޓެކްނޮލޮޖީތަކަށް ތައްޔާރު ނޫން ކަމަށެވެ.

ޕޮސްޓެކޮގްލޫ ބުނީ ގޯލް ލައިން ޓެކްނޮލޮޖީ ފުރިހަމައަށް މަސައްކަތް ކުރާ ކަމަށާއި، އެކަމާ ދެކޮޅަށް އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ވީއޭއާރުން ފުޓުބޯޅައިގެ "ޔުނީކް" ކަން ގެއްލުވާލައި ކަމަށްވެސް ޕޮސްޓެކޮގްލޫ ބުންޏެވެ.

"ފުޓުބޯޅައަކީ ތަފާތު، ޔުނީކް ކުޅިވަރެއް. ރެފްރީން ނިންމާ ކޮންމެ ނިންމުމެއް ރަނގަޅުކޮށް، އެ ނިންމުމެއް ތަފްސީލުކޮށްދޭން ޖެހޭނެ ކަމަކަށް ނުދެކެން. މީހުން އެކަމާ ދެކޮޅު ނަމަވެސް، އަހަރެންގެ ނަޒަރުގައި ފުޓުބޯޅައަކީ ނިންމާ ނިންމުންތައް ތަފުސީލުކޮށްދީ، އެއާ ގުޅޭގޮތުން މެޗު ތެރެއިން އިތުރަށް ކަންކަން ބަލަން ޖެހޭނެ ކުޅިވަރެއް ނޫން،" ޕޮސްޓެކޮގްލޫ އިތުރަށް ބުންޏެވެ.

ޕޮސްޓެކޮގްލޫ ބުނީ ވީއޭއާރްގެ ބޭނުން ގިނައިން ކުރި ވަރަކަށް މެޗު ތެރެއިން، ވީއޭއާރުން ހެދާ ގޯސްތައް ގިނަވާނެ ކަމަށާއި ފުޓުބޯޅައަކީ އެމެރިކަން ފުޓުބޯޅަ، އެންއެފްއެލް ނޫން ކަމަށެވެ.