މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު، ސާ އެލެކްސް ފާގަސަންގެ އަންހެނުން ލޭޑީ ކެތީ ފާގަސަން މަރުވެއްޖެއެވެ.

އުމުރުން 84 އަހަރުގެ ކެތީ މަރުވެފައި ވަނީ އިއްޔެއެވެ. ފާގަސަން ކެތީއާ ކައިވެނިކޮށްފައި ވަނީ 1966 ވަނަ އަހަރެވެ. ދެ މީހުން ވަނީ އެކުގައި 57 އަހަރު ހޭދަކޮށްފައެވެ. ދެމަފިރިންނަށް ތިން ފިރިހެން ކުދިން ލިބިފައިވާ އިރު، އޭގެ ތެރެއިން އެކަކީ މިހާރު ޕީޓާސްބްރޯގެ ކޯޗުކަން ކުރަމުންދާ ޑަރެން ފާގަސަންއެވެ.

ފާގަސަންގެ އަންހެނުން ކެތީ މަރުވުމާ ގުޅިގެން ޔުނައިޓެޑުގެ ސްޓޭޑިއަމް އޯލްޓް ޓްރެފޯޑުގައި ނަގާފައިވާ ކްލަބުގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި މި ހަފުތާގެ މެޗަށް ކްލަބުގެ ކުޅުންތެރިން ނުކުންނާނީ ކަޅު ބޭންޑުގައެވެ. ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ކްލަބުން ފާގަސަންއަށް ހިތްވަރު ދޭ ކަމަށާއި މި ވަގުތު އާއިލާއަށް ފުރިހަމަ އިހުތިރާމް ދިނުމަށް އެދޭ ކަމަށެވެ.

އުމުރުން 81 އަހަރުގެ ފާގަސަންއާއި ކެތީ 1964 ވަނަ އަހަރު ދިމާވީ ޓައިޕްރައިޓާ ފެކްޓަރީއަކުންނެވެ. ދެ މީހުންގެ ކައިވެނީގައި ހޭދަވި ދުވަސްތަކުގެ ތެރެއިން 27 އަހަރު ދުވަހު، ފާގަސަން ހުރީ ޔުނައިޓެޑްގެ ކޯޗެއްގެ މަގާމުގައެވެ. ކެތީ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 2002 ވަނަ އަހަރެވެ. އެއީ ފާގަސަން ރިޓަޔާކުރަން އޭރު ނިންމި ނިންމުން ބަދަލުކުރުމަށް އޭނާ ކުޅުނު ރޯލުންނެވެ.

ފާގަސަން އޭނާގެ އޮޓޯބައިގްރަފީގައި ބުނީ 2002 ވަނަ އަހަރު ކޯޗުކަމުން ރިޓަޔާކުރަން އުޅުމުން އަންހެން އެކަމާ ދެކޮޅު ހެދި ކަމަށެވެ. ފާގަސަންގެ ސިއްހަތު ރަނގަޅު ކަމަށް ބުނުމުގެ އިތުރުން ކެތީ ދެން ބުނެފައިވަނީ ކޯޗުކަން ދޫކޮށްލުމުން ގެއަށް ނުވައްދާނެ ކަމަށާއި އުމުރުން މާޒުވާން ކަމަށެވެ.