ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބުލް ކަލަމް އަޒަޑް އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފަައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ ސަފީރާއެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެގައުމާއެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، އެގައުމާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަ ކުރައްވައިފައެވެ.

ބަންގްލަދޭޝް ސަފީރު ވަނީ، ރާއްޖެ އާއި އެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ދާއިރާތަކުން ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވައިފައެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އާ ދައުރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ފުޅާވެ، ބަދަހިކުރުމަށް އެދިވަޑައިގަންނަވައިފައެވެ

ޕާކިސްތާން ސަފީރު ވަނީ ރާއްޖެ އާއި އެގައުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ގައުމުކަން ފާހަގަރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.