ސިވިލް ކޯޓަށް އިސް ގާޒީއަކާއި ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނެއިދު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވުމުން އެ މަގާމު ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުންނަވަނީ ފަރުހާދު ރަޝީދެވެ.
ޖޭއެސްސީން ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާން ކުރީ، މިހާރު ތިބި ގާޒީންގެ ތެރެއިން އެއް ގާޒީއަކު އިސް ގާޒީގެ މަގާމަށް އައްޔަންކުރާނެތީއެވެ.
ސިވިލް ކޯޓުގެ ގާޒީގެ ކަމަށް ކުރިމަތިލެވޭނީ ޖޭއެސްސީން ބުނި ގޮތުގައި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގުރީ ހާސިލުކޮށް، ގާޒީކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.
ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ ލިޔުމަކާއި ލޯ ފާމެއްގެ ނުވަތަ ގާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށްވާ ނަމަ އެކަން އެނގޭނެ ލިޔުމެއްވެސް ހުށަހަޅަންޖެހެއެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރި ކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
އޭގެ އިތުރުން ގާޒީ ކަމަށް ކުރިމަތިލާ ފަރާތަކީ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވާންޖެހޭއިރު އެ މީހަކީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވެސް ވެގެންނުވާނެ ކަމަށް ބުނެފައިވެއެވެ.
އިސް ގާޒީގެ މަގާމުގެ މުސާރައަކީ 31،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލެވަންސް ގޮތުގައި 1،650 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލެވަންސް ލިބޭނެއެވެ.
ސިވިލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބޭނެއެވެ.
މި ދެ މަގާމަށްވެސް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު