ޕީއެންސީގެ ރައީސް ކަމަށް އެ މަނިކުފާނު އިންތިހާބު ކުރުމުން އެކަމަސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ޕީޕީއެމްއާއި އެކުވެސް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
ރިޔާސީ އިންތިހާބަށް ފަހު ޕީއެންސީ/ޕީޕީއެމް ކޯލިޝަން ތެރޭގައި ކޯޅުން ބޮޑުވެ، ޑރ. މުއިއްޒަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. "ވަން" އަށް ދެއްވި އިންޓަވިއުގައި ޑރ. މުއިއްޒު ފާހަގަކުރެއްވީ އެ މަނިކުފާނު އިސްކުރައްވާނީ ގުޅިގެން، އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް ކަމަށެވެ.
"އަޅުގަނޑު ފުރަތަމަ ޝުކުރު ދަންނަވާލަން ބޭނުން ޕީއެންސީން ރޭގަ ސެނެޓު ބާއްވާފަ އަސާސީ ގަވައިދު އިސްލާހުކޮށް، އަޅުގަނޑަށް ޕީއެންސީގެ ރައީސްކަން ހަމަޖައްސާފަ ވާތީ. އެހެންވީމަ ޕީއެންސީގެ ކުރީގެ ރައީސް، މިހާރުގެ ޗެއާޕާސަން، އަބްދުއްރަހީމަށް، އަދި ލީޑަޝިޕުގެ އެހެން ހުރިހާ ބޭފުޅުންނަށާ ސެނެޓަށް އެކަމަށް އަޅުގަނޑު ރެސްޕެކްޓް ކުރާ ހާލު އެބޭފުޅުން އެ ނިންމެވި ނިންމެވުމަށް ޝުކުރު ދަންނަވަން." މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ އޮނިގަނޑަށް އެ ގެނައި ބަދަލަކީ، ޕީޕީއެމްގައި ވެސް މިހާރު އެ އޮތް ފޯމެޓެވެ. އެގޮތަށް ކަންތައް އެކުރީ އެއް ގޮތަކަށް ކަންކަން ކުރުމަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީޕީއެމްގައިވެސް އޮންނާނީ، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަންޏާ، އެބޭފުޅަކަށޭ ޕީޕީއެމްގެ ރައީސްކަން އޮންނާނީ. އެއީ އަޅުގަނޑު ހިތުން ދުނިޔޭގެ ގިނަ ގައުމުތަކުގަ ވެސް ފޮލޯކުރާ ނިޒާމު." މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޕީއެންސީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި އެ ޕާޓީގައިވެސް ތިބީ ދިވެހި ރައްޔިތުންތަކެއް ކަމަށެވެ. ޕީއެންސީ އުފައްދާފައި މި އޮތީ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށާއި މި ވަގުތު ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހޮވިފައި މި ވަނީވެސް ޕީއެންސީން ކަން ފާހަގަކުރެއްވެވި އެވެ. ޕީއެންސީއަކީ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތްކުރާ، ރަނގަޅު މަސައްކަތްތަކެއް ކޮށްދޭ ޕާޓީއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ޕީޕީއެމްއާއި މެދު ދެކިވަޑައިގަންނަވަނީ އެއީ އެއްބައެއްގެ ގޮތުގައި ކަމަށާއި ވަރަށް ރަނގަޅަށް އެކުގައި މަސައްކަތް ކުރެވެން ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ދެ ޕާޓީއެއް ގޮތަށް ގޮތަސް އަޅުގަނޑުމެންނަކީ އެއް ފެމިލީއެއް. އެއްބައެއް. އެކުގަ މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އަޅުގަނޑު އިސްކުރާނީ އެ ވިސްނުން. އަޅުގަނޑު ދެކޭ ގޮތުގަ ޕީޕީއެމްގެ ފަރާތުންވެސް ފެންނާނީ ހަމަ އެގޮތް. ހަމަ ގައިމުވެސް އަޅުގަނޑުގެ ފަރާތުން އެނޫން އެޕްރޯޗެއް ނުފެންނާނެ." ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު