ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލްއިން ވަރުގަދަ ޕީއެސްޖީ ބަލިކުރި އިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗުންވެސް މޮޅުވެއްޖެއެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ރޭ ނިއުކާސަލް ދަނޑުގައި ޕީއެސްޖީ ބަލިވީ ތަފާތު ބޮޑު 4-1 ގެ ނަތީޖާއަކުންނެވެ. 20 އަހަރަށްފަހު މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް ނިއުކާސަލްއިން ކޮލިފައިވެފައިވާ އިރު، ރޭގެ މެޗަކީ ހޯމްގައި ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު ވެގެންދިޔައީ ނިއުކާސަލްގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ހޯދި އެންމެ ބޮޑު މޮޅަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ކަށިގަނޑާއެކުވެސް ސަޕޯޓަރުންގެ ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ނިއުކާސަލް ކުޅުންތެރިން ދިޔައީ ޕީއެސްޖީގެ އެޓޭކް ހުއްޓުމަށް ޖޯޝާއެކު މަސައްކަތް ކުރަމުންނެވެ. އުސްމާން ޑެމްބެލޭއާއި ކިލިއަން އެމްބާޕޭއަށްވެސް ކުރިއަށް ޖެހިލަން އުނދަގޫތަކާ ދިމާވެފައިވާ އިރު، ނިއުކާސަލް ޑިފެންޑަރު ދިޔައީ ޓެކުލްތަކާއެކުވެސް އުފާފާޅުކުރަމުންނެވެ.
ޖަޒުބާތުގައި ކުޅެމުންދިޔަ ނިއުކާސަލްއިން މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ނިއުކާސަލްގެ ސްވިޑެން ފޯވަޑް އެލެކްސެންޑްރާ އިސާކް ޖެހި ބޯޅަ، ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ކުޅަދާނަކޮށް މަތަކުރި ނަމަވެސް، ރީބައުންސް ބޯޅައަށް އަރައި ގޯލުގެ ކަނަށް ބޯޅަ ވައްދާލީ މިގޭލް އަލްމިރޯންއެވެ. އޭގެ ފަހުންވެސް ނިއުކާސަލްގެ ހަމަލާތައް ފުލުފުލުގައި ފެނިގެން ގޮސްފައިވާ އިރު، ޑޮނަރޫމާއަށް ގިނަ ސޭވްތަކެއް ކުރަން ޖެހުނެވެ.
ފުރަތަމަ ހާފުގައި ޑެން ބާންސް ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައި ނިއުކާސަލްއިން ލީޑު ފުޅާކުރި އިރު، އެ ގޯލަށް ގޮތް ނިންމުމުގައި ރެފްރީ ވަނީ ވީއެއާރްގެ އިތުރުން ގޯލް ލައިން ޓެކްނޮލޮޖީގެ އެހީވެސް ހޯދައިފައެވެ.
ދެވަނަ ހާފަށް ނުކުމެވެސް ނިއުކާސަލްއިން މަޑުޖެހިލައިފައެއް ނުވެއެވެ. އެޓޭކަށް ކުރިއަށްޖެހި، ހާފުގެ ކުރީކޮޅުގައި، މެޗުގެ 50 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ސީން ލޯންގްސްޓާފެވެ. އޭގެ ފަހުން ޕީއެސްޖީގެ ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް ގޯލެއް ޖަހައިދިން ނަމަވެސް، މެޗުގެ ފަހު މިނެޓުކޮޅުގައި ނިއުކާސަލްގެ ފަބިއަން ޝާ ވަނީ އަނެއްކާވެސް ގޯލެއް ޖަހައި، ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
ނިއުކާސަލްއާއި ޕީއެސްޖީ ހިމެނޭ ގްރޫޕްގައި ރޭ އޭސީ މިލާނާއި ޑޯޓުމަންޑް ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، މިވަގުތު އެއްވަނައިގައި އޮތީ ނިއުކާސަލްއެވެ.
އެންމެފަހުގެ ޗެމްޕިއަންސް ސިޓީން ރޭ ރަށުން ބޭރުގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު ގްރޫޕް ޖީގެ މެޗު ސިޓީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗު ކޮންޓްރޯލްކޮށް ޑޮމިނޭޓް ކޮށް ކުޅުމުން ދިޔައީ ސިޓީންނެވެ. އެޓީމުން ފުރަތަމަ ހާފުގައި ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ ރިކޯ ވިލިއަމްސްގެ އެސިސްޓަކުން ފިލް ފޮޑެން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ލެއިޕްޒިގުގެ އިކޯމާ ލޮއިސް އޮޕެންޑާ ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް، ހޫލިއަން އަލްވަރޭޒާއި ޖެރެމީ ޑޯކޫ މެޗުގެ ފަހުކޮޅުގައި ޖެހި ގޯލުތަކުން ސިޓީ މެޗު ކާމިޔާބު ކުރިއެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލައި އިރު، ގްރޫޕް އެޗްގައި ބާސެލޯނާއިން ވަނީ 1-0 އިން ޕޯޓޯ ބަލިކޮށްފައެވެ. އެމެޗުގައި ގޯލު ޖެހީ ފެރާން ޓޮރެސްއެވެ. ސިޓީ ހިމެނޭ ގްރޫޕްގައި ޔަންގް ބޯއީސްއާއި ކްރެވީނާ ވެޒްޑާ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު