"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން، އެމްޑީޕީ ރޫޅާލާނަން، ރޫޅާލާނަން. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން،" މިއީ އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ޒަމާންވީ ޕާޓީ، އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ފަހު މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅެވެ. ވަރަށް ކޯފާވެ ހުންނަވައެވެ.
މިދިޔަ ދުވަސްތަކުގައި، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ޕާޓީގެ މެންބަރުންގެ ތާއީދު ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ. ނަޝީދަށް އޮތް ތާއީދާއި ބާރު އެމްޑީޕީ ތެރެއިން ދިޔައީ ފަނޑުވަމުންނެވެ. އެހެންވެ ނަޝީދު ނިންމެވީ ރައީސް ސޯލިހާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްފަހު، އެ ތާއީދު އަލުން އިއާދަ ކުރުމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ ހޯދައި އަނބުރާ އަލުން ޕާޓީގެ މެންބަރުންނަށް ހަވާލުކުރައްވާނެ ކަމަށެވެ.
ނަމަވެސް ނަޝީދު ޖެއްސެވި ހިސާބު މާބޮޑުތަނުންވެސް ގޯސްވެ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ، ލިބިވަޑައިގެންނެވިއެވެ. އުންމީދު ކުރެއްވި ގޮތަށް އެ މަނިކުފާނަށް އަމިއްލަ ޕާޓީން ތާއީދު ލިބިވަޑައެއް ނުގެންނެވިއެވެ. ރިޔާސީ ޕްރައިމަރީން ބޮޑުތަނުން ބަލިވެވަޑައިގަތެވެ.
އެ ބޮޑު ނާކާމިޔާބީއަށްފަހު އެމްޑީޕީ އަލުން ހޯއްދެއްވުމަށް ކަމަށް ވިދާޅުވެ، ފިކުރެއްގެ ދިރުން ވުޖޫދުކުރެއްވުމަށްފަހު، އެ މަނިކުފާނު އިސްވެ ހުންނަވައިގެން ދެން އުފެއްދެވީ ދަ ޑިމޮކްރެޓްސް ޕާޓީ އެވެ. އެމްޑީޕީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވުމަށްފަހު ނަޝީދުގެ ފުރަތަމަ މަސައްކަތަށްވީ ވެސް އެމްޑީޕީ ރޫޅާލުމެވެ.
އެ މަސައްކަތް ފެއްތެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުންނެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑަށް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމްޑީޕީއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި "ނަފުރަތު" އުފައްދަވައި، އެމްޑީޕީއާ ދެކޮޅަށް ކެމްޕޭން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ނަޝީދެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބު ކޮށްލަން އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ނަޝީދެވެ. އެމްޑީޕީގެ މެންބަރުން ބުނާ ގޮތުގައި އެންމެ ބޮޑު އެންޓި ކެމްޕޭނެއްވެސް ހިންގެވީ ނަޝީދެވެ.
އެމްޑީޕީ ރޫޅައިލުމަށް ނަޝީދު ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ނަޝީދުގެ އެޖެންޑާގައި އިތުރު އެހެން އެއްވެސް ކަމެއް ނެތް ފަދައެވެ. އެންމެ ފަހުން އިދިކޮޅު ޕީޕީއެމާ އެކުވެސް މަސައްކަތްތައް ފެއްޓެވިއެވެ. އެއްގަލަކަށް އެ ދެ ފިކުރަށް ނޭރުނު ނަމަވެސް، ރިޔާސީ އިންތިހާބުގައި "އެމްޑީޕީ ނޫން ގޮތެއް" ހޯއްދެވިއެވެ. އިންތިހާބުން އެމްޑީޕީ ބަލިކުރެއްވިއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދުގެ އޮތީ އެންމެ އަމާޒެކެވެ. އެއީ އެންމެ ފުރަތަމަވެސް ނަޝީދުގެ ވިސްނުންފުޅެވެ. ޕްރައިމަރީގައި ވެސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެމްޑީޕީގެ ތާއީދު އަލުން ހޯދައި، އެމްޑީޕީ އަލުން އަނބުރާ ހޯއްދެވުމެވެ. އެ މަނިކުފާނުގެ އަމާޒަކަށްވީ އެމްޑީޕީގެ ރޫޅާލުމެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕް ރޫޅާލުމެވެ.
ނަޝީދު އުންމީދު ކުރެއްވީ ރައީސް ސޯލިހަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެމަނިކުފާނު "ރިޓަޔާ" ކުރައްވާނެ ކަމަށެވެ. ސިޔާސީ މައިދާނުން ރައީސް ސޯލިހު ދެން ނުފެންނާނެ ކަމަށެވެ. ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށްފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން ހަގީގަތަކަށްވެ، ނަޝީދަށް ޕާޓީ ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ހުންނެވި ނަމަވެސް ރައީސް ސޯލިހު ހުންނެވީ ނަޝީދަށް ދޫދެއްވާކަށް ނޫނެވެ. ރައީސް ހުންނެވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރިކުރުވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ކުރެއްވުމަށެވެ.
"މިވަގުތު އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ އެމްޑީޕީއަކީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް ކުރަން ޖެހޭ މަސައްކަތްކުރުން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަނެއް އޮންނަން ޖެހޭ. ސަރުކާރު ޖަވާބުދާރީ ކުރުވޭ ވަރުގެ ޕާޓީއެއް އޮންނަން ޖެހޭ. އެމްޑީޕީއަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ އަޅުގަނޑު ހުންނަ މަގާމެއް ނޫން މިވަގުތު މުހިންމީކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ފާހަގަކުރެއްވީ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި އިންތިހާބަކުން ބަލިވެގެންދާ އިރު، މާޔޫސްކަމަކާއި ލޮޅުންތަކެއް ހުންނާނެ ކަމަށާއި އެ މަނިކުފާނު އަމާޒަކީ ބަލިކަށި ވިޔަނުދީ، އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީ ހިފެހެއްޓުން ކަމަށެވެ. އެހެންވެ، ރައީސް ވަނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ހަރަކާތްތެރިވުމަށް އެ މަނިކުފާނުގެ ހުރިހާ ވިސްނުމަކާއި ވަގުތެއް ދެއްވުމަށް ނިންމަވައިފައެވެ.
"މި ދަނޑިވަޅުގައި ޕާޓީގެ ލީޑާޝިޕްގައި، ވެރީންގެ ގޮތުގައި ތިބޭ ބައެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕާޓީ އެއްކޮށް، ހިފެހެއްޓުން. އެއީ ޕާޓީއަށާއި މި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް. އެހެންވީމާ މަގާމަކަށްވުރެ ބޮޑަށް މިވަގުތު އަޅުގަނޑު މަސައްކަތްކުރަމުން މިގެންދަނީ ޕާޓީ، އެއްކޮށް ހިފެހެއްޓުމަށްޓަކައި، ޔުނައިޓް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން. ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅުން ނަޝީދުގެ އުންމީދުތަކަށް އަނެއްކާވެސް އެޅުނީ ހިޔަންޏެވެ. ނަޝީދުގެ އަމާޒަކަށް އަބަދުވެސް ވެފައި އޮތީ ޕާޓީ އަނބުރާ ހޯއްދެވުން ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެއެވެ. އެމްޑީޕީއަކީ އެ މަނިކުފާނުގެ ބާރު ހިނގާ އެއްޗެއްގެ ގޮތުގައި ބޭއްވުމަކީ ނަޝީދުގެ ވިސްނުންފުޅު ކަމަށް މެންބަރުން ގަބޫލުކުރެއެވެ.
"ނަޝީދު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕާޓީގެ މެންބަރުންނަށް ދައްކަވަން ބޭނުންފުޅުވީ މި ލީޑާޝިޕަކީ އެމްޑީޕީ ހަލާކު ކޮށްލާނެ ލީޑާޝިޕެއްކަން، އެކަން ދެއްކުމަށް އެމްޑީޕީ ރޫޅާލާނަމޭ ވިދާޅުވެ އެ ނުކުންނެވީ. އެންމެ ބޮޑު އަމާޒަކަށްވެސް ވީ ރިޔާސީ އިންތިހާބުން ކޮންމެ ގޮތެއް ހަދައިގެންވެސް އެމްޑީޕީ ބަލި ކުރުމަށްފަހު ޕާޓީ އަނބުރާ ހޯދުން. އެއީ އެބުނާ ރޫޅާލުން،" އެމްޑީޕީގެ އިސް މެންބަރަކު "ވަން" އަށް ވިދާޅުވިއެވެ.
ރައީސް އެއްފަރާތް ނުވި ނަމަވެސް ނަޝީދު ވިސްނުންފުޅު ބަދަލެއް ނުވެއެވެ. ބޭނުންފުޅުވީ އަނެއްކާވެސް އެކަން ހަގީގަތަކަށް ހެއްދެވުމަށެވެ. ދެން ފުރަތަމަ މަސައްކަތް ފެއްޓެވީ މެސެޖަކުންނެވެ. އިންތިހާބަށްފަހު ނަޝީދުގެ މެސެޖެއް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވައިފައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެއީ ފެށުން ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެއެވެ.
ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ނަމަވެސް ފެއިލިވީ ލީޑާޝިޕުގެ އެކަނި މައްސަލައަކުން ކަމަށް ގިނަ މެންބަރުން ގަބޫލެއް ނުކުރެއެވެ. ނަޝީދު ހީފުޅުކުރެއްވިގޮތަށް އެމްޑީޕީގެ އާންމު މެންބަރުންގެ ވިސްނުން ރޫޅައެއް ނުލެވުނެވެ. އޭގެ ބަދަލުގައި އެމްޑީޕީ އާންމު މެންބަރުން އިންތިހާބަށްފަހު ހުރިހާ "ބްލޭމެއް' ކުރީ ނަޝީދަށެވެ. އެންމެން ވެސް "ރުޅިގަނޑު ބޭލީ" ނަޝީދަށެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތް އިންތިހާބެއް، އިދިކޮޅާ ގުޅިގެން ފެއިލް ކޮށްލީ ނަޝީދު ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެއެވެ. އެކަން އިންތިހާބަށްފަހު މުޅި ސޯޝަލް މީޑިއާއިން އޮތީ ފެންނާށެވެ.
"ނަޝީދު ހޯއްދެވީ އެމްޑީޕީ ނޫން ގޮތެއް. ރައީސް ސޯލިހު ނޫން ގޮތެއް. އެހެންވީމަ އަހަރުމެންވެސް މިހާރު ބޭނުންވަނީ ނަޝީދު ނޫން ގޮތެއް. ބަރުލަމާނީ ނޫން ގޮތެއް. ރައީސް ސޯލިހު އެދިވަޑައިގަތަސް ނަޝީދާ އެއްކޮޅަށް އަރާނެގޮތެއް ނޯންނާނެ،" އެމްޑީޕީގެ މެންބަރަކު ސޯޝަލް މީޑިއާގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އެމްޑީޕީގެ މުޅި ގައުމީ މަޖިލީހާއި އާންމު މެންބަރުންވެސް ގޮވަމުންދިޔައީ އެއް ވާހަކަ އެކެވެ. އެމްޑީޕީ އެންމެ ބޭނުންވި ވަގުތު އެ ޕާޓީ ނިކަމެތިކޮށްލެއްވީ ނަޝީދު ކަމަށެވެ. އެންމެ ބޭނުންވި ވަގުތު ދޫކޮށްލެއްވީއެވެ. އެހެންވެ މިހާރު އާންމު މެންބަރުންވެސް ބޭނުންވަނީ "ނަޝީދު ނޫން"ގޮތެކެވެ. ނަޝީދު ދެކެ އެމްޑީޕީގެ މިހާރުގެ ގައުމީ މަޖިލިސް ރުޅިއައިސް އޮތް މިންވަރު އެންމެ ފަހުން ބޭއްވި ޖަލްސާގައި ފެނިގެން ދިޔައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ސިފަ ކުރި ގޮތުގައި އެ ޕާޓީއަށް މިއަދު ނާކާމިޔާބު ލިބިގެން ގޮސްފައިވަނީ ސީދާ ނަޝީދުގެ ސަބަބުންނެވެ. ނަޝީދު ކުރެއްވި އެންޓި ކެމްޕޭންގެ ސަބަބުންނެވެ. އެހެންވެ، ނަޝީދާއި ބަރުލަމާނީއަށްވެސް އެޕާޓީން ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެ ބޮޑު އަމާޒެވެ.
އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ފާހަގަކުރެއްވި ގޮތުގައި އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑަށް ގެއްލުން ލިބުނީ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށާއި ކެމްޕޭނުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތައް ސަރުކާރަށް އަމާޒު ކުރަމުން ދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޮލުގައި ނާޅުވާ ބަދުނާމެއް ނެތް. ވައްކަމުގެ ބޮޑު ނެޓްވޯކަކަށް މި ޕާޓީ ހަދައިފި. ކިޔާލި ގޮތުން ހީވޭ މަޖީދީ މަގުގައި ގޮއްވާލި ބޮމަކީވެސް އަޅުގަނޑުމެން ހަދައިގެން ގެންގޮސް ގޮއްވާލި އެއްޗެކޭ. އެ ވަރަށް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެކަން އަޅުވައިފި،" މަޑުއްވަރީ ދާއިރާގެ ރައީސް އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވިއެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި ގޮތުގައި ވަކި މީހަކު ވެރިކަމަށް ގެންނަން ކުރާ މަސައްކަތަކަށް އެމްޑީޕީން ތާއީދުކުރާކަށް ނުޖެހެއެވެ. އަދި ނަޝީދަށް ތާއީދު ނެތުމުން، އެ ބޭފުޅާއަށް ވެރިކަމަށް އާދެވޭ ފޯމިއުލާއެއް ނުވަތަ ވެރިކަމަށް އާދެވޭނެ ގޮތަށް މަސައްކަތް ކުރަން އެމްޑީޕީގެ މެންބަރުންނަށް ލާޒިމު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ނަޝީދަކީ ކޮރަޕްޝަންގެ ކަންކަން އެންމެ ބޮޑު ބޭފުޅާއެވެ. ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުން ނޫން ކަމާއި ނުފޫޒު ބޭނުންކުރުމަކީ ވެސް ކޮރަޕްޝަން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވެސް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފައެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ވަކާލާތު ކުރުމަށް ފަހު އަލުން އެމްޑީޕީއާ ގުޅެން އައީ ނިޒާމު ބަދަލުކުރުމުގެ ދަހިވެތިކަމުގައި ކަމަށް އިބުރޭ ވިދާޅުވިއެވެ. އެކަމަކު އެމްޑީޕީން އެ ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މިވަގުތު ބަލާކަށް ބޭނުމެއް ނޫން އެހާ ރަނގަޅަށް ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯ. އަޅުގަނޑުވެސް ބޭނުމީ ބަރުލަމާނީ ނޫން ގޮތެއް. އެ ބޭފުޅުން އެ ދުވަހު ވިދާޅުވީ ރައީސް ސޯލިހު ނޫން ގޮތެކޭ. އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،" އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ފާހަގަ ކުރެއްވީ، ނަޝީދު ހުންނެވި ކޮޅަކަށް ތާއީދުކުރައްވަން ބޭނުން ނޫން ކަމެވެ. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދާއެކު މަސައްކަތް ކުރި ނަމަވެސް, މިއަދު "ނަޝީދު ނޫން ގޮތެއް" ހޯދަން ނުކުމެ ތިއްބެވި ކަމަށް އެ ޕާޓީގެ ދުވަސްވީ ބައެއް މެންބަރުން ވަރަށް އަސަރާއެކު ވިދާޅުވިއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައިވާތީ އެމްޑީޕީން "ބޮޑުކޮށް" ނިންމީ ނަޝީދު ބާކީކޮށްލުމަށެވެ. އެމްޑީޕީން ބޭނުންވަނީ ނަޝީދު ނޫން ގޮތެކެވެ. ހިޔާލު ތަފާތުތައް ހުރުމުން އިދިކޮޅު ޕާޓީތަކުންވެސް ނަޝީދު ކޮށްލީ ބާކީއެވެ.
އެ މަނިކުފާނަށް ވެރިކަމަށް އާދެވެން އޮތް ހަމައެކަނި ނިޒާމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަރުލަމާނީ ނިޒާމެއްގެ ވޯޓެއް އެހުމަށް ނަޝީދު ފައިނަންގަވައިގެން ބުރަކޮށް ކުރެއްވި މަސައްކަތްވެސް މިވަނީ އެންމެ ފަހުން ހުއްޓާލަން ޖެހިފައެވެ. އެކަނި މަރުފަލި ޖައްސަވައިގެން ކާމިޔާބުވާން ނެތްކަން ނަޝީދަށް މިހާރު އިހުސާސް ކުރެއްވޭނެއެވެ. އެ މަނިކުފާނަށް ކުރިން ތާއީދު އޮތް ނަމަވެސް މިއަދު އެ ތާއީދު ނެތްކަން ހުދު އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވާނެއެވެ. އެހެން ޕާޓީތަކާ ގުޅިވަޑައިގެން ނޫނީ ކުރިއަށް ވަޑައިގެންނެވެން ނެތްކަން ގަބޫލުފުޅުކުރައްވާނެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކްރެޓްސްގެ މަގުސަދުތައް ހާސިލުކުރުމަށް ޕީޕީއެމާއި އެމްޑީޕީގެ އެހީތެރިކަންވެސް ބޭނުންވާނެ. ޑިމޮކްރެޓްސް ވަރުގަދަވުންވެސް ވަރަށް ބޭނުންތެރި،" ނަޝީދު ޑިމޮކްރެޓްސްގެ ސަޕޯޓަރުން ތިބޭ ވަޓްސްއަޕް ގްރޫޕަކަށް މިފަހުން ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.
އަނެއްކޮޅުން ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ލިބުނު މަދު ވޯޓުކޮޅާ އެކު، ނަޝީދުގެ ސިޔާސީ ހަޔާތާ މެދުވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. މަޖިލިސް ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުން އެ މަނިކުފާނަށް މަޖިލިސް ގޮނޑިއެއްވެސް ލިބިވަޑައިގަންނަވާނެ ކަމާމެދުވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެ ސުވާލު އުފައްދާ އެއް ސަބަބަކީ އެމްޑީޕީގައި ހުންނަވައިގެން މައްޗަށްގޮޅި މެދު ދާއިރާއަށް ވާދަކުރައްވައި ނަޝީދު، އެ ގޮނޑި ކާމިޔާބު ކުރެއްވީ މާ ބޮޑު ފަރަގަކުން ނޫން ކަމަށްވުމެވެ. ނަޝީދަކީ އަދިވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު އޮތް ތާއީދާ އެކު އެމްޑީޕީއާ ނުލައި ނަޝީދަށް މަޖިލީހަށް ވަޑައިގެންނެވޭނެ ކަމަށް ސިޔާސީ ދިރާސާވެރީން ގަބޫލެއް ނުކުރެއެވެ. ޑިމޮކްރެޓްސްގެ ކުޑަ ޕަސެންޓޭޖަކުން މަޖިލީހަށް ވަޑައިގެންނެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ.
އެތައް ގުރުބާނީއެއް ވެވަޑައިގެން، އެތައް ދުވަހު ކުރެއްވި މަސައްކަތްޕުޅުން ކޮޅަށް ޖެއްސެވި އެމްޑީޕީން މިއަދު ނަޝީދު ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، އެމްޑީޕީއަށް ވެރިކަން ގެއްލުވައިލީ ނަޝީދެވެ. ނަޝީދު އެމްޑީީ ތެރެއަށް ވިހަ ލީއެވެ. އެމްޑީޕީ މެންބަރުން މަގުމަތިކޮށް ނިކަމެތިކޮށްލީ އެވެ.
އެހެންވެ ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ނަޝީދަށް ތާއީދު ދަށްވަމުންދާ މަންޒަރެވެ. މިއީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުން ހެއްޔެވެ؟ އެމްޑީޕީން ދުރަށް ޖެހިވަޑައިގަތުމަކީ ނަޝީދުގެ ސިޔާސީ ހަޔާތް އަމިއްލަފުޅަށް ސަންދޯކަށްލައްވައި ކަފުން ކުރެއްވި ނިންމެވުން ހެއްޔެވެ؟ ނޫނީ އެމްޑީޕީގެ މެންބަރުންގެ އިތުބާރު އަލުން ހޯއްދަވައި، އެމްޑީޕީގެ "ބައްޕަ"ގެ މަގާމަށް ވަޑައިގެންނެވިދާނެ ފޯމިއުލާއެއް ނަޝީދަށް ނެރެވިދާނެ ހެއްޔެވެ؟ އާ ޕާޓީއާ އެކު ނަޝީދުގެ ސިޔާސީ ހަޔާތަށް ދިރުން ލިބިގެންދާނެ ހެއްޔެވެ؟ ނޫނީ ނަޝީދުގެ ބޮޑުވަޒީރުގެ ހުވަފެންވެސް ހުވަފެނަކަށް ނުވެ ނިމެނީ ހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް