ޚަބަރު

އާ ސަރުކާރާ މެދު ބަދުބަސް ބުނެ ބައެއް ވަޒީރުން ބޭރުގެ ފަރާތްތަކަށް އެބަ މެސެޖު ކުރޭ: ނަޝީދު

އިބްރާހިމް ޒަކީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާމެދު ބަދުބަސް ބުނެ، މި ސަރުކާރުގެ ބައެއް ވަޒީރުން ބޭރުގެ އެކިއެކި ފަރާތްތަކަށް ޓެކްސް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅޭ ގޮތުން ނުބައި މޭރުމެއްގައި ވާހަކަ ދައްކައި، މިހާރު ކެބިނެޓުގެ ބައެއް ވަޒީރުން ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ. އެ މެސެޖުތައް އެ މަނިކުފާނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަނިކުފާނަކީވެސް ދެން އުފެދޭ ސަރުކާރެއްގެ ބައިވެރިވާ ބޭފުޅަކަށްވާތީ، އެކަންކަން ސާފުނުކޮށްދެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑުވެސް ބައިވެރިވެއޭ، އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގޫވެއޭ، ތި ސާފުކޮށްދޭން، އެހާ ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ ދުނިޔޭގެ އެކި ތަންތަނަށް އެގޮތަށް މެސެޖު ފޮނުވާ ނުހެއްދެވުމަށް ވަޒީރު ބޭފުޅުންނަށާއި އެހެން އިއްޒަތްތެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާ ކަމަށް ބުނެފައެވެ.