އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު އޮތް ގޮތަށް ރިޔާސީ ނިޒާމުގައި ކުރިއަށް ގެންދިއުމަށްޓަކައި ނިޒާމީ ވޯޓު ފަސްކުރަން ނިންމާފައިވާ ވާހަކަ މުއިއްޒަށް ދަންނަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ "މަޖިލީހުން އެބަވެޔޭ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާބެހޭގޮތުން ވޯޓެއް ނަގައިފަ އަދި އެ މަސައްކަތް މަޖިލީހުގައި އެބަދެޔޭ، އެހެންނަމަވެސް މިހާރު އަޅުގަނޑުވެސް، އެ ވޯޓަށް އެދުނު ޑިމޮކްރެޓް ޕާޓީގެ މެންބަރުންވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ، ޑިމޮކްރެޓް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް،" އިއްޔެގެ ބައްދަލުވުމުގައި ޑރ. މުއިއްޒަށް، ދަންނަވާފައިވާ ކަމަށެވެ.
މިވަގުތަށް މަޑުޖައްސައިލި ނަމަވެސް، ނިޒާމީ ވޯޓުގެ ކަންކަން ފަހުން ކުރިއަށް ގެންދިއުމުގެ ވާހަކަ ދެކެވުނު ކަމަށާއި އެކަމަށް ޑރ. މުއިއްޒު ތާއީދު ކުރައްވާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ، އެކަމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ، ދެން ޑރ. މުއިއްޒު ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ރިޔާސީ ނިޒާމުގެ ތެރެއިން ޑރ. މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޖިލިސް ރައީސް އދިވަޑައިގެންނެވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ މަސައްކަތް، ނިޒާމުގެ ތެރެއިން ފުރިހަމައަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށެވެ.
ނިޒާމީ ވޯޓު ނެގުމަށް މިއައި ބަދަލާއެކު، އެ ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް އެންގުމާ ގުޅިގެން، އެކަމަށް ބޭނުންވާ ކަންކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަށް އިއްޔެއިން ފެށިގެން މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދިޔަ ބަހުސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު