އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް އެމްޑީޕީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަމުންގެންދާ މަސައްކަތަކީ ސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޒިންމާދާރުކަމާއެކީގައި އެ މަސައްކަތްކޮށް، ދެން އަންނަ ވެރިކަމަކަށް ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ދޭނެކަމުގެ ޔަގީންކަން އަރުވަން. އަދި އެ ސަރުކާރު ފަށައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންތައްތަކުގައި ވެސް އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަލަށް އިންތިހާބުވި ސަރުކާރަށް އަޅުގަނޑު މިރޭ އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބުތަކުގައި ކާމިޔާބާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށާއި ނަމަވެސް އިންތިހާބުން ނާކާމިޔާބުވުމުން މަޑުން ނުތިބެ، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި ލަސްތަކެއް ނުވެ، މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ބަލައިގަނެ، ރައްޔިތުން އެ ވާހަކަތައް ދައްކަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނާކާމިޔާބުވުގެން ދިޔައީ އޮޅުވާލައިގެން ވާހަކަތަކެއް ފަތުރަމުން ދިއުމުން، ލަސްތަކެއް ނުވެ ހަގީގަތް ހާމަވެގެންދާނެ. ކުރިއަށްއޮތް އަމާޒަކީ ރައްޔިތުންގެ މަޖިލިސް ހޯދައިދިނުން، 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ނިޒާމީ ވޯޓަކަށް ދާން ޖެހިއްޖެ ނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަމަލީގޮތުން އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.