އެމަނިކުފާނުގެ އަމާޒަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާއި 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުން ނާކާމިޔާބުވުމުން މަޑުން ނުތިބެ، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށެވެ.

"މާ ލަސްތަކެއް ނުވެ، މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ބަލައިގަނެ، ރައްޔިތުން އެ ވާހަކަތައް ދައްކަން ފަށާނެ. ނާކާމިޔާބުވުގެން ދިޔައީ އޮޅުވާލައިގެން ވާހަކަތަކެއް ފަތުރަމުން ދިއުމުން، ލަސްތަކެއް ނުވެ ހަގީގަތް ހާމަވެގެންދާނެ. ކުރިއަށްއޮތް އަމާޒަކީ ރައްޔިތުންގެ މަޖިލިސް ހޯދައިދިނުން، 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

"އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަކަށް ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށްވަންޏާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަޅުގަނޑު އަމަލީގޮތުން ވެސް މަސައްކަތްކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މެންބަރުންގެ ރޫހު ހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ނުގެނައުމަށެވެ. އަދި ދަ ޑިމޮކްރެޓްސް އިން ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތްކުރަމުންދަނީ އިންތިހާބީ ރައީސް މުއިއްޒަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.