ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުން ބަންދުގައި ބޭތިބުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެއީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓުން 27 އަހަރުގެ މީހާ އާއި 24 އަހަރުގެ ދެ މީހެއްގެ ބަންދަށް 60 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެން ހުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ޖަހައިދިނީ 30 ދުވަސްކަމަށް ފުލުހުން ބުންޏެވެ.

ޝަރީފަށް ހަމަލާދީފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މެންހަޓަންގެ ތެރޭގައި އޭނާ ހުންނަވަނިކޮށެވެ. އެ ހަމަލާއާ ގުޅިގެން ޝަރީފުގެ ވާތު ލޮލާ ދިމާ ވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އަދި ނޭފަތްމަތިންވެސް ބައެއް ޒަހަމުތައް ފެންނަން ހުއްޓެވެ.

އެ މައްސަލައިގައި އިއްޔެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ.

ޝަރީފްގެ އިތުރުން ހަމަ އެ ދުވަހު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް އަދި ކަށަވަރެއް ނުވެއެވެ.