އަންނަ ފަސް އަހަރުގެ މުއްދަތަށް އންތިހާބުކޮށްފައިވާ، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންތައްތައް ކުރުމަށް، ގާނޫނީ ގޮތުން އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީގެ ޗެއާމަނަކީ، ޕީޕީއެމް އާއި ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކަނޑައަޅައިފިއެވެ.

ޓްރާންސިޝަނަލް ގާނޫނުގައިވާ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް، ސިވިލް ސާވިސް ކޮމިޝަނުންނެވެ. ގާނޫނުގައިވާ ގޮތުން، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ޖެހެނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ފަހުއެވެ. ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެއެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކުރި ނަމަވެސް، ކަމާބެހޭ އެހެން ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭނެ ކަަމަށާއި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް ކުރުމަށްޓަކައި، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަނަލްއަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންގެ އިތުރުން، އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކެވެ. އަދި ބޭނުންވާނަމަ، އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރެއެވެ.

ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެކަންކަމަށް އެންމެ ގިނަވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފައެވެ. އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 54.04 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 45.96 ޕަސަންޓެވެ.