މިއީ އެންމެ ރަނގަޅު ފޮރިން ޕޮލިސީ އޮތް ފަސް އަހަރު ކަމަށާއި ގައުމުތަކާ އެންމެ ގުޅުން ރަނގަޅު ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު، ނާކާމިޔާބުވެވަޑައިގަތުމުގައި، ވަކި ގައުމަކަށް ބަރޯސާވެގެން ކުރިއަށްގެންދިޔަ ސަރުކާރުގެ ފޮރިން ޕޮލިސީއާ މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުން ހިމެނޭނެތޯ، މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، "އަޅުގަނޑުމެންގެ ފޮރިސް ޕޮލިސީއަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމެއްގައި ހިންގުނު އެންމެ ރަނގަޅު ފޮރިން ޕޮލިސީ،" ކަމަށެވެ.

އެ ފޮރިން ޕޮލިސީއަކީ އެންމެ ގިނަ ގައުމުތަކާއެކު ގުޅުން ބަދަހިވެގެންދިޔަ ފޮރިން ޕޮލިސީ ކަމަށާއި، ދުނިޔޭގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރާއްޖެއަށް އެންމެ ގިނަ ފުރުސަތު ލިބުނު ފޮރިން ޕޮލިސީ ކަމަށްވެސް ވިދާޅުވިއެވެ.

"އދ. ވިޔަސް، ކޮމަންވެލްތު ކަމަށްވިޔަސް މިއިން ކޮންމެ ތަނެއްގައި އެންމެމަތީ ހަރުފަތުގައި ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބިގެންދިޔަ، އަޅުގަނޑު ހިތުން މީގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރި، އެނގިވަޑައިގަންނަވާނެ މި ފަސްއަހަރު ނިމިގެން މި ދިޔައީ އަޅުގަނޑުމެންގެ އެތެރޭގެ ސިޔާސަތަކާ ގުޅިގެން އެއްވެސް ގައުމަކުން އެއްވެސް ބަޔާނެއް ނެރެފައެއް ނެތް، ހިއުމަންރައިޓްސް ކަމަށްވިޔަސް އަދި އެެހެންކަމަކާ ބެހޭގޮތުން ކަމަށްވިޔަސް އެއީ 1995 އިން ފެށިގެން މިހާތަނާ ދޭތެރޭގައި ހިނގި ވެރިކަންތަކުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތެއް ނޫން،"

އެހެންކަމުން ރާއްޖެއާއި ބޭރު ގައުމުތަކާ ދޭތެރޭ އޮތް ގާތް ގުޅުމަކީ މުޅި ރާއްޖެއަށް ވަަރަށް ބޮޑު ފައިދާތަކެއް ކުރި ފޮރިން ޕޮލިސީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"ހާއްސަކޮށް ތިމާވެށީގެ ކަންތައްތަކުގައި ބައިނަލްއަގުވާމީ ގޮތުން އަޅުގަނޑުމެންގެ ބަސް އަޑުއަހާ އެބަ މިހާރު، އަޅުގަނޑުމެންނާ މަޝްވަރާކުރޭ މިހާރު އެއިން އެއްވެސްކަމެއްގައި އަޅުގަނޑުމެންގެ ލަފައެއް ނެތި، މަޝްވަރާއެއް ނެތި، އެއްވެސް ޕްލެޓްފޯމެއްގައި އެއްވެސްކަމެއް ނުނިންމާ، އެހެންކަމުން އެންމެ ކުރީސަފުގައި އަޅުގަނޑުމެންނަށް އެބަ ހަރަކާތްތެރިވެވޭ،"

މީގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން މުހިއްމުކަމަށްވާތީ، އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ގުޅުމަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ، ސަރުކާރުގެ ފޮރިން ޕޮލިސީ އޮތީ ވަކި ގައުމަކަށް ބަރޯސާވާ ގޮތަށް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަވައްޓެރި ގައުމުތަކާއެކު އެއްބަސްވުންތައް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ އެއްބަސްވުންތައް ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް ހަދަންޖެހޭނެ ކަމަށެވެ.