އެމްޑީޕީ ބަލިކަށިވެގެންދާ ތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި އެމަނިކުފާނުގެ އަރިހުގައި ވަކި މީހަކު ހުންނެވުން މުހިންމު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ބަލިކަށިވެ، ހަލާކުވެދިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމަނިކުފާ ކުރައްވަމުންގެންދަވާނެ ކަމަށެވެ.
"އަޅުގަނޑުގެ ޕޮލިޓިކަލް ކެރިއަރު ކުރިއަށްދިއުމުގައި ކޮންމެހެން ވަކި މީހަކު އަޅުގަނޑު ކައިރީގައި ބަހައްޓާކަށް އެއީ ލާޒިމުކަމެއް ނޫން. އަޅުގަނޑު ހުންނާނީ އެމްޑީޕީގައި، އެމްޑީޕީއާއެކު އަޅުގަނޑު ކުރިއަށްދާނީ، އެމްޑީޕީގައި އޮތް ލީޑާޝިޕަކާއެކު. އެމްޑީޕީއަކީ ފައްކާ، ވަރުގަދަ ޕާޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އެމްޑީޕީ ހަލާކުވެގެން، ބަލިކަށިވެގެންދާ ތަން ބަލާކަށް އަޅުގަނޑު ނުހުންނާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ އެމްޑީޕީއަކީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ މަސައްކަތްކުރުން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަނެއް އޮންނަން ޖެހޭ. ސަރުކާރު ޖަވާބުދާރީ ކުރުވޭ ވަރުގެ ޕާޓީއެއް އޮންނަން ޖެހޭ. އެމްޑީޕީއަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ އަޅުގަނޑު ހުންނަ މަގާމެއް ނޫން މިވަގުތު މުހިންމީކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ކުރިމަތިލެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި މިވަގުތު މަސައްކަތްޕުޅަކީ ޕާޓީ އެކުގައި ހިފެހެއްޓުން ކަމަށެވެ. އަދި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި އިންތިހާބަކުން ބަލިވެގެންދާ އިރު، މާޔޫސްކަމަކާއި ލޮޅުންތަކެއް ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު