ތަރައްގީގެ މަސައްކަތާއި ވޯޓަކީ އެއްވެސް އިރަކު އެހާބޮޑު ގުޅުމެއް އޮތް ދެކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޯޓު ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި ތަރައްގީއަށްޓަކައި ކުރާ މަސައްކަތްތައް ވަރަށް ތަފާތު ކަމަށާއި ސަރުކާރު ހިންގެވީ އެކަން އެނގިވަޑައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށްވީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު މަސައްކަތްކުރަމުން ގެންދިޔައީ. އެއީކީ ވޯޓާ އެހާ ބޮޑަށް ރިލޭޓުވާ އެއްޗެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އަޅުގަނޑުމެންނަށް އެކަން އެނގިތިބެ މި މަސައްކަތްކުރީ. ވޯޓު ހޯދަން ކުރަންޖެހޭ އެހެން ތަފާތު މަސައްކަތްތަކެއް ހުރި. އެހެންވިޔަސް އަޅުގަނޑުގެ އަމާޒަކަށްވީ ހަމައެކަނި ފަސް އަހަރު ނިންމާފައި އަންނަ އިންތިހާބު ކާމިޔާބުކުރުމެއް ނޫން. އަޅުގަނޑު އަބަދުވެސް ބުނަމުން ގެންދިޔައިން އަޅުގަނޑު މިއައީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތައް ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުމަށޭ. އެކަން އަޅުގަނޑު ކުރަމުން ގެންދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑައިގެން މަސައްކަތްތައް ކުރިއަށްގެންދެވި ކަމަށާއި އާބާދީ ބޮޑެތި ތަންތަނަށް އަމާޒުކޮށްގެން މަސައްކަތްކުރި ނަމަ، މުޅިން ތަފާތު އެހެން ނަތީޖާއެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވީ އެކަންކަމަށް ބެއްލެވުމެއް ނެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން އާބާދީ މަދު ރަށްރަށުގެ ވޯޓު އަޅުގަނޑަށް ލިބިފައި ހުރިކަން ފާހަގަކޮށްލެވޭ. އެހެންނަމަވެސް މަދު ރަށެއް ނުގެއްލޭނެއެކޭ ނޫން. އެހެންވީމާ މި ދެންނެވިހެން އިންތިހާބުގައި ވޯޓު ހޯދުމާއި ސަރުކާރުން ރައްޔިތުންނަށް މިކޮށްދޭ ކަންތައްތަކާ ހުރޭ ތަފާތެއް، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވޯޓު މީހުން ދެނީ ކީއްކޮށްގެންކަން، ކޮންކަމެއް ކޮށްގެންކަން. ރަށްރަށުގެ ތަރައްގީއަށް މިކުރާ މަސައްކަތާއި މާބޮޑު ގުޅުމެއް ހުރިތަނެއް އަޅުގަނޑަށް ފާހަގަކުރެވިފައެއް ނެތް. ހަމައެކަނި މިފަހަރަކު ނޫން، އެކަން އެނގިތިބެ އަޅުގަނޑުމެން މަސައްކަތްކުރީ. އަޅުގަނޑު ހިތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރަނގަޅު ތަރައްގީގެ މުސްތަގުބަލެއް ގެނެސްދެވިފައިވާކަން ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި އެކަން ރައްޔިތުންގެ ގަބޫލުކުރާނެ ކަމަށެވެ. އަދި ސިޔާސީ އޮއިވަރެއްގައި އިންތިހާބުގެ ނަތީޖާ މިހެން ދިޔަޔަސް، އެއީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރި އުންމީދު ގެއްލުވާލަން ޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު