ރަނިންމޭޓް ނެގީ ގިނަ ބައެއްގެ ލަފާގެ މަތީން ކަމަށާއި ލަފަޔަކީ ޕާޓީ ތެރެއިން މީހަކު ނެގުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގެންނެވީ، ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމް ރަނިން މޭޓެއްގެ ގޮތުގައި ނުނެންގެވުމުން ކަމަށް ދެކެވޭ ވާހަކަތަކާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، "ރަނިންމޭޓެއް ހޮވުމަށް އަޅުގަނޑު ނިންމީ، ވަރަށް ގިނަ ބައްގެ މަޝްވަރާއާ އެކީގައި،" ކަމަށެވެ.
އެ ގޮތުން މިފަހަރުގެ އިންތިހާބުގައި ކުރިއަށް ދާން އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ތެރެއިން ރަނިންމޭޓެއް ނަންގަވައިގެން ކަަމަށް މަޝްވަރާ ލިބިފައިވާތީ ކުރިއަށް ވަޑައިގަތީ އެގޮތަށް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި، އިހުތިޔާރު ކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބެއްގެ ގޮތުގައި މިހާރު ހުންނެވި ފައިސަލް ނަސީމު، 2018 ގެ ރިޔާސީ އިންތިހާބުގައި ރަނިން މޭޓެއްގެ ގޮތުގައި ނެންގެވީ، އެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލީޝަން ހެދި ޖުމްހޫރީ ޕާޓީގެ ތެރެއިން ރަނިން މޭޓެއް ނެންގެވުމަށް ނިންމުމާ ގުޅިގެން، އެ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު