ހުރިހާ ކަމެއް ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވެރިކަން ނިންމަވައިލެއްވުމަށްފަހު ވަޑައިގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އެ މަނިކުފާނުގެ ވެރިކަމުގައި ބޭރުގެ ފަރާތްތަކާއެކު ހަދާފައިވާ އެގްރީމެންޓްތައް ހާމަ ނުކުރާކަން ފާހަގަކޮށް، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޮށްފައިވާ ހުރިހާ ކަމެއް ހުންނާނީ، ގާނޫނާ އެއްގޮތަށް ކަމަށެވެ.

"ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރު ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ،"

ވެރިކަމުގައި ހުންނަވައި ކުރެއްވި ކޮންމެ ކަމަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށާއި، މައްސަލައެއް ޖެއްސޭވަރު ކަމެއް ކުރައްވާފައި ނުވާނެ ކަމަަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން،" އަޅުގަނޑަށް ކުރިމަތި ލެވޭނެ އެ ހުރިހާ ކަމަކާ، އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް، ޖަވާބުދާރީ ނުވެވޭވަރުކެއް ކޮށްފައެއް ނުވާނެ، އަޅުގަނޑުމެންނާ ދޭތެރޭގައި ހުރިހާ ކަމެއްވެސް ބައްލަވަންވީ،" ކަމަށްވެސް ވިދާޅުވިއެވެ.

އަޅުަގަނޑުމެން ވެރިކަމުގައި ތިބިއިރު ކޮށްފައި ހުރި ހުރިހާކަމެއް، ހުންނާނީ ގާނޫނާ އެއްގޮތަށް ކޮށްފަ، ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރުކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ، އަޅުގަނޑު މިހިރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީވުމަށް، އަޅުގަނޑާ ދޭތެރޭގައި މައްސަލައެއް ޖެއްސޭވަރުކަމެއް ނޯންނާނެ ވަރަށް ސާފުކޮށް މި ދެންނެވީ، އެހެންވީމާ އަޅުގަނޑަށް ކުރިމަތި ލެވޭނެ އެހުރިހާ ކަމަކާ، އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް، ޖަވާބުދާރީ ނުވެވޭވަރު ކަމެއް ކޮށްފައެއް ނުވާނެ. ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނާ ދޭތެރޭ ބައްލަވަންވީ،

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ވެފައިވާ، ގިނަ އެއްބަސްވުންތަކަކީ އޭގެ ކުރީ ސަރުކާރުތަކުން ފެށިގެން ވާރުތަވެފައި ހުރި ކަންތައްތައް ކަމަށެވެ.

އެކަންތައްތަކަކީ ކުރީގެ ސަރުކާރުތަކުން ކުރަން އެއްބަސްވެފައި ހުރި ކަންތައްތައް ކަމަށާއި، އޭގެ ބައެއް އެގްރީމެންޓްތަކުގައި ސޮއި އެޅީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން "އެންމެ ބޮޑަށް ތިބޭފުޅުން ފާހަގަ ކުރައްވާ ހެލިކޮޕްޓަރާއި ޑޯނިޔާގެ ކަންތައްތައް ހިނގާދިޔަ ގޮތް އަޅުގަނޑުމެން ވަރަށް ތަފްސީލްކޮށް ހާމަކޮށްފިން، އެހެންވީމާ އެއަކު އެއްވެސް މައްސަލައެއް ނޯންނާނެ،،" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "ގާނޫނީ ގޮތުން ހާމަ ކުރަން ޖެހޭ ހުރިހާ އެއްޗެއް މިހާރު ވަނީ ހާމަކޮށްފަ، އަދި ރައްޔިތުންގެ މަޖިލީހުގެ، 241 ކޮމިޓީއަށް ހިއްސާކުރަން ޖެހޭ ހުރިހާ އެއްޗެއްވެސް ވަނީ ހިއްސާކޮށްފަ، އޭގަ ފޮރުވައިފަ އެއްވެސްކަމެއް ނޯންނާނެ، އަނެއްކާ ނޮވެމްބަރު 17 ގެ ފަހުން އެންމެ ލަސްވެގެން އެ ފެންނާނެ ދެން އަންނަ ސަރުކާރަކުން، އޭގަ އެއްވެސް މައްސަލައެއް އުޅެންޏާ ކުރިއަށް ވަޑައިގަންނަވަންވީ އޭރުން ސަރުކާރަށް އޮންނާނެ އެއާ ދޭތެރޭގަ ފިޔަވަޅު އެޅުމުގެ ފުރުސަތު،" ކަމަށްވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާތަނަށް ހެދި އެއްވެސް އެއްބަސްވުމެއްގައި ފޮރުވަން އޮތް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ބައެއް އެއްބަސްވުން ތަކަކީ ދެފަރާތުގެ ދެމެދުގައި އޮންނަ ހިފަހައްޓާން ޖެހޭ ހަމަ ތަކަކާއި އުސޫލުތަކެއް ހިފަހައްޓަން ޖެހޭ ކަންތައްތަކަކަށް ވާތީ އެއާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔަކަމަށްވެސް ވިދާޅުވިއެވެ.