ޕާޓީއަށް މީހުން ވައްދަން ގައުމީ މަޖިލީހުން ނިންމުމަކީ އެމްޑީޕީ ދަންނަ ހަމައެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

ރައީސް ސޯލިހު ރައީސް ނަޝީދަށް ރައްދު ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ހިސާބުން، ރައިސް ސޯލިހާ ދެމެދު އުފެދުނު މައްސަލަގަނޑު އިތުރަށް ބޮޑުވެ ބައެއް މަޖިލިސް މެންބަރުންނާއެކު އެމްޑީޕީން ވެކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށްފަހު، ރިޔާސީ އިންތިހާބު ނިމުމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެއަށް ރައްދު ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް މީހުން ވަނުމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ހަމަތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

"ކޮންމެހެން ގައުމީ މަޖިލީހުގެ ފަންސާސް ޕަސެންޓް ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަ ކަމެއްނޫން، ވަންނަން އެދޭ މީހާއަކީ ޕާޓީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޕާޓީއަށް ބަލައިގަންނަ މީހެއްތޯ ނިންމާނެ ހަމަތައްވެސް ޕާޓީގެ އެތެރޭގައި އެބައޮތް ހަމަޖެހިފައި، އެހެންވީމަ އެ ޕްރޮސެސްގެ ތެރެއިން ކޮންމެ މީހަކަށްވެސް ޕާޓީއަށް ވަނުމަށް އެދިވަޑައިގެންނެވޭނެ، ރިކުއެސްޓް ކުރެވޭނެ، އެ ނިންމާނީ ޕާޓީގެ ތެރޭގައި އޮންނަ ހަމަތަކުގެ މަތިން އަޅުގަނޑެއް ނޫން،" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ހުންނެވިކަމަށް ވިދާޅުވި ރައީސް ނަޝީދު އެމަނިކުފާނަށްވެސް މެސެޖު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ނިންމާނީ ޕާޓީން ކަމަށާއި ވަކި މީހަކު ޕާޓީގައި ހުރުމާ ނުހުރުން، އެމަނިކުފާނަށް މުހިއްމު ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެ ޕާޓީއަކީ އެއަށްވުރެ މާ ވަރުގަދަކޮށް އޮތް ޕާޓީއެއް ކަމަށާއި، ވަކި މީހަކު ޕާޓީން ވަކިވެގެން ގޮސް، ވަކި މީހަކު އެނބުރި އައިސްގެން ވާކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އެއަށްވުރެ މާރަނގަޅު ހަމަތަކަކާއި، އުސޫލުތަކެއްގެ މަތީގައި ތަރުތީބުވެގެން ހިނގަމުންދާ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑު ނެތަސް ޕާޓީ ހިންގާނެ، އެކަން އޮންނާނީ އެހެން، އުސޫލުތަކެއް ހުންނާނެ އެހެންވީމާ ވަކި މީހަކު ޕާޓީއަށް ގެނައުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ނޫން، އަދި ވަކި ގުނަވަނަކުން ވަކި ވަރެއްގެ ތާއީދު އޮވެގެން ކުރާކަމެއް ނޫން، ފޯމު ފުރުއްވާފަ ފޮނުވީމާ ޕާޓީގައި އޮންނަ އުސޫލުގެ ތެރެއިން އެ ގުނަވަނަކަށް ފެނިއްޖެއްޔާ އެ އުސޫލުގެ ތެރެއިން ޕާޓީގެ މެންބަރަކަށް ވެވޭނެ،" ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ، އަދި ފެންނަނީ ގައުމީ މަޖިލީހުގެ 99 ޕަސެންޓު އެކަމަށް ނޫނެކޭ ބުނާ މަންޒަރު ކަމަށެވެ.