ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބޭއްވުމަށް ކުރާން ޖެހޭ މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ އެމްޑީޕީއަކީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ މަސައްކަތްކުރުން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަނެއް އޮންނަން ޖެހޭ. ސަރުކާރު ޖަވާބުދާރީ ކުރުވޭ ވަރުގެ ޕާޓީއެއް އޮންނަން ޖެހޭ. އެމްޑީޕީއަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ އަޅުގަނޑު ހުންނަ މަގާމެއް ނޫން މިވަގުތު މުހިންމީކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ކުރިމަތިލެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި މިވަގުތު މަސައްކަތްޕުޅަކީ ޕާޓީ އެކުގައި ހިފެހެއްޓުން ކަމަށެވެ. އަދި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި އިންތިހާބަކުން ބަލިވެގެންދާ އިރު، މާޔޫސްކަމަކާއި ލޮޅުންތަކެއް ހުންނާނެ ކަމެއް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި ޕާޓީގެ ލީޑާޝިޕްގައި ތިބެ، ވެރިންގެ ގޮތުގައި ތިބޭ ބައެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕާޓީ އެއްކޮށް ހިފެހެއްޓުން. އެއީ ޕާޓީއަށާއި މި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް. އެހެންވީމާ މަގާމަކަށްވުރެ ބޮޑަށް މިވަގުތު އަޅުގަނޑު މަސައްކަތްކުރަމުން މިގެންދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި، ޔުނައިޓް ކުރުމަށްޓަކައި. ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 54.04 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 45.96 ޕަސަންޓެވެ.