މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވައި ކުރެއްވުމަށް ޓަކައި ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލިސް އިދާރާއިން މިއަދު ބުނީ، ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.

އެހެން ކަމުން އަންނަ ނޮވެމްބަރު މަހުގެ 17 ވާ ހުކުރު ދުވަހު އެ ޖަލަސާ ބޭއްވުމަށް ޓަކައި، އިންތިޒާމްތައް ކުރިއަށްގެންދާކަމަށް ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރެއްވީ، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި 101،635 ވޯޓާއެކު ވޯޓުގެ %46.06 އާއެކު އެންމެ ގިނަ ވޯޓު ހޯއްދެވި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި 86،161 ވޯޓާއެކު %39.05 ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފައިވާ ގޮތުގައި، ދެ ވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، ޑރ.މުއިއްޒަށް ލިބިވަޑައިގެންނެވީ 129،159 ވޯޓް، ވޯޓުލީ މީހުންގެ %54.03 ޕަސެންޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ، 109،868 ވޯޓު، ވޯޓުލީ މީހުންގެ %45.96 ޕަސެންޓެވެ.