ގދ. ވާދޫގައި ވޯޓު ފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދޫ ވޯޓު ފޮއްޓަށް އެންމެ ފަހުން ވޯޓުލާން ދިޔަ މީހާ ވަނީ ވޯޓު ފޮށި ފަޅާލައި ވޯޓު ކަރުދާސްތައް ބިންމައްޗަށް އުކާލައިފައެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ވޯޓު ފޮށި ފަޅާލައިފައިވަނީ އައިޑީ ކާޑުގެ މައްސަލައެއްގެ ސަބަބުން ވޯޓު ނުލެވޭނެ ކަމަށް އޮފިޝަލުން އެންގުމުންނެވެ.

އެ މައްސަލައިގައި އިއްޔެ އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 60 ދުވަސް ޖަހާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވާދޫ ވޯޓު ފޮށި ފަޅާލި ނަމަވެސް އެއްވެސް ވޯޓު ކަރުދާހެއް މަދެއް ނުވެއެވެ. އެހެންވެ ރޭގެ ވަގުތެއްގައި ވަނީ އެ ފޮށިވެސް ގުނައި ނަތީޖާ އިއުލާނުކޮށްފައެވެ.