އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" މިއަދު ވިދާޅުވީ، އެ މީހާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އޭސީސީގެ ފަރާތުން ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަ ވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާއެކު ހަރަކާތްތެރިވަމުންދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލަ ފުލުހުންގެ ފަރާތުން ވަނީ އޭސީސީއަށް ހުށަހަޅާފައި. އޭސީސީން މިހާރު މިގެންދަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުން" ނިޝާން ވިދާޅުވިއެވެ.
އިންތިހާބާ ދިމާކޮށް އަދި ވޯޓުލީ ދުވަހު ފައިސާ ބަހަމުން ދިޔަ ކަމަށް އިންތިހާބުގައި ވާދަކުރި ދެ ޕާޓީގެ ފަރާތުން ވެސް އެއް ޕާޓީ އަނެއް ޕާޓީއަށް ގެންދިޔައީ ތުހުމަތު ކުރަމުންނެވެ. ދެ ޕާޓީން ވެސް ވަނީ ތުހުމަތު ދޮގުކޮށްފައެވެ.
އޭސީސީން މީގެ ކުރިން ބުނެފައިވަނީ އިންތިހާބާ ގުޅިގެން ރިޝްވަތު ހުށަހެޅުމުގެ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.