މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަރުހަބާ ދަންނަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެއް ފޮށި ފިޔަވައި ހުރިހާ ވޯޓު ފޮއްޓެއް މިހާރު ގުނައިފައިވާ އިރު، ކުރި ހޯއްދަވާފައިވަނީ މުއިއްޒެވެ. މުއިއްޒަށް 126،850 ވޯޓު ލިބިވަޑައިގެން 53.85 ޕަސަންޓު ވަނީ ޔަގީން ކުރެވިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46.15 ޕަސަންޓެވެ. އެއީ 108,696 ވޯޓެވެ.
ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނަމުގައި އިންތިހާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށާއި އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތުގައި ކުރިއަށްދާނެ ކަމަށެވެ.
ފައްޔާޒްގެ އިތުރުން މުއިއްޒާ ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރު ދަންނަވައިފައެވެ. އަދި އެކުގައި މަސައްކަތް ކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 75 ޕަސެންޓް މީހުން ވޯޓުލީ ނަމަވެސް، ދެވަނަ ބުރުގައި 87 ޕަސަންޓް މީހުން ވަނީ ވޯޓުލައިފައެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،804 އެވެ.